ކުރިއަށް މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް އެމްޑީޕީއިން ހުށަހެޅި 86 ކެންޑިޑޭޓުންގެ ފޯމުވެސް އިލެކްޝަންސް ކޮމިޝަނުން ބަލައިގަންފިއެވެ.

މިއަދު އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި 86 ކެނޑިޑޭޓުންގެ ކެންޑިޑޭންސީ ފޯމު ވެސް އިލެކްޝަނުން ގަބޫލުކޮށްފައިވާ ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް 86 ކެނޑިޑޭޓުންގެ ކެންޑިޑޭންސީ ފޯމް އެމްޑީޕީން އީސީ އަށް ހުށައެޅީ މިމަހު 6 ވަނަ ދުވަހުއެވެ. ނަމަވެސް އެމްޑީޕީގެ 10 ފޯމް އިލެކްޝަން ކޮމިޝަނުން ބަލައިގެންފައެއް ނުވެ އެވެ. އެފޯމްތައް ބަލައިނުގަތުމަށް އީސީ އިން ނިންމީ، ބޭނުންވާ ބައެއް މައުލޫމާތު ހަމަނުވާތީ އެވެ. އެމްޑީޕީގެ 10 ކެންޑިޑޭޓެއްގެ ފޯމް އޭރު ބަލައިގަތް އިރު އެއީ ކޮން 10 ކެންޑިޑޭޓުންނެއް ކަމެއް އެޕާޓީންވެސް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންްގެ ފޯމްތައް މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައިވާއިރު ގާނޫނުގައިވާ ގޮތުން މަޖިލީހުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ފޯމް އީސީއަށް ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި އެ ފޯމްގެ ސައްހަކަން ބަލައި އެފަރާތަށް އަންގަންޖެހޭނެއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 06 ވަނަ ދުވަހު އެވެ. އިންތިޚާބަށް ހުރިހާ ޕާޓީތަކަކުން ވެސް ގެންދަނީ ތައްޔާރީތައް ވަމުންނެވެ. ނަމަވެސް އަދި މިހާތަނަށް ކުރިމަތިލާނެ ދާއިރާތައް ފައިނަލްވެ ރަސްމީކޮށް ކެމްޕޭން ފަށާފައި ވަނީ އެމްޑީޕީން އެކަންޏެވެ.