އަވައްޓެރި ސްރީލަންކާގައި އިންވެސްޓް ކުރުމުގެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުމުގެ މަސައްކަތް ލަންކާގެ ކުންފުންޏެއް ކަމަށްވާ ރިސާޗް އިންޓެލިޖެންސް ޔުނިޓް (އާރްއައިޔޫ) އިން ފަށައިފިއެވެ. އާރްއައިޔޫ އިން ލަންކާގެ އިންވެސްޓްމަންޓް ފޯރަމެއް އަންނަ މާޗް މަހު ރާއްޖޭގައި ބާއްވަން ވަނީ ނިންމާފައެވެ.

އާރްއައިޔޫ އާއި ހަވާލާދީ ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި ރާއްޖޭގައި ބާއްވާ ލަންކާގެ އިންވެސްޓްމަންޓް ފޯރަމް އޮންނާނީ މާޗް މަހުގެ 04 ވަނަ ދުވަހު ހޮޓެލް ޖެންގައެވެ. މިފޯރަމަކީ ރިއަލް އެސްޓޭޓް ދާއިރާ އިން ލަންކާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ދިވެހި އިންވެސްޓަރުންނަށް ދިނުމަށް ބާއްވާ ފޯރަމެކެވެ.

ރާއްޖޭގައި ބާއްވާ ލަންކާގެ އިންވެސްޓްމަންޓް ފޯރަމްގައި ލަންކާގެ އެންމެ ބޮޑެތި ކުންފުނިތައް ކަމަށްވާ ޖޯން ކީލްސް، ސަންކަން އަދި ޕްރައިމް ގްރޫޕުން ވެސް ބައިވެރިވާނެއެވެ.

ލަންކާގެ އިންވެސްޓްމަންޓްތަކުގެ މައުލޫމާތު ފޯރަމްގައި ދިވެހިންނާއި ހިއްސާކުރުމުގެ އިތުރުން ދެގައުމުގެ ވިޔަފާރިވެރިން ބައްދަލުވެ، ރާއްޖޭގައި އިންވެސްޓް ކުރުމާއި ބެހޭ މަޝްވަރާތައް ވެސް ކުރެވިގެން ދާނެ ކަމަށް އާރްއައިޔޫ އިން ބުނެއެވެ.

ރާއްޖޭގައި ބާއްވާ ލަންކާގެ އިންވެސްޓަރުންގެ ފޯރަމްގައި ލަންކާގެ ބޮޑެތި ކުންފުނިތަކުގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިން ވެސް ބައިވެރިވާނެއެވެ.

ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި މިހާރު ވެސް ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ވަނީ ލަންކާގެ ރިއަލް އެސްޓޭޓް ދާއިރާގައި އިންވެސްޓް ކޮށްފައެވެ.

ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އެއް ގައުމަކީ ލަންކާ އެވެ. ލަންކާގައި ވަޒަންވެރިވެގެން އުޅޭ ދިވެހިންގެ އަދަދު 16000 އަށް އަރައެވެ. މިދިޔަ އަހަރު ލަންކާއަށް ލައްކައެއްހާ ދިވެހިން ޒިއާރަތް ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބުއާ

    ޅަންކާގައި ރިއަލް އެސްޓޭޓް އިންތިހާޔަށް އަގުބޮޑުވުމުގެ އިތުރަށް ވަރަށްގިނަ ގާނޫނީ ރެސްޓްރިކްޝަން އެބަހުރި. ޢެންމެ ރަނގަޅީ މެލޭޝިޔާ.

  2. ޖައްރާފު

    ލަންކާ އަކީ ދިވެހިން އިންވެސްޓުކުރަން ރަގަޅު ގައުމެއްނޫން ލަންކާއަށްވުރެ މެލޭޝިޔާ މާރަނގަޅު ވާނެ މިހާރުވެސް ގިނަދިވެހިންގެ ބިޒިނަސް ކުންފުނިތަށް މެލޭޝިޔާގައި ވަރަށްބާރަށް ހަލުވިކަމާއި އެކު ކުރިއަރަމުން އެބަދޭ.