ދިވެހިރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު ސަގާފީ ތަރިކަ ހިމާޔަތްކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބާއްވާ "މޯލްޑިވްސް ސްރީލަންކާ ޖޮއިންޓް ކޮމިޝަން"ގެ ހަތަރުވަނަ ސެޝަންގެ ތެރެއިން ނެވެ. އެ ސެޝަން ކުރިއަށް ގޮސްފައިވަނީ މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގެވެ. އަދި ލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓްރީ އޮފް ބުދަސަސަނާ، ރިލިޖަސް އެންޑް ކަލްޗަރަލް އެފެއާޒްގެ ސެކްރެޓަރީ، ސޮމަރަތުނޭ ވިދަނަޕަތުރިރާނާ އެވެ.

ހެރިޓޭޖް މިނިސްޓްރީއިން ބުނީ އެ ފަހުމުނާމާގެ ދަށުން ސަގާފީ ތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، އާކިއޮލޮޖީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެވިފައި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މޯލްޑިވްސް-ސްރީލަންކާ ޖޮއިންޓް ކޮމިޝަން އެކުލަވާލާފައިވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކުރެވުނު އެގްރީމަންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަންގެ ދަށުން 1984 ވަނަ އަހަރުއެވެ.

އެ ޖޮއިންޓް ކޮމިޝަންއަކީ ރާއްޖެއާއި ސްރީލަންކާއަށް މުހިއްމު ދާއިރާތަކާއި ކަންކަމާ ގުޅޭގޮތުންނާއި ދެ ގައުމުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކޮށް މިހާތަނަށް ކުރެވިފައި ހުރި މަސައްކަތްތައް މުރާޖައާ ކުރުމަށް ދެގައުމުގެ ސަރުކާރަށް ވެސް ލިބޭ ޕްލެޓްފޯމެކެވެ.