އަންނަ އޭޕްރިލް މަހުގެ 06 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުފޮށިބަހައްޓަން ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި، ރިޔާސީ އިންތިޚާބު 2018 ގައި ވޯޓުފޮށި ބެހެއްޓި، ހަތަރު ރިސޯޓެއް ހިމެނިފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓް ފޮށި ނުބަހައްޓަން ނިންމާފައި ވަނީ ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓު އެންޑް ސްޕާ (ކ.ފުރަނަފުށި)، ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސް (ކ.ކަނޑޫމާފުށި)، ކޮކޯ ބޮޑު ހިތި (ކ. ބޮޑުހިތި) އަދި އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެނގެލި (ކ. ހެލެނގެލި) އެވެ.

އެ ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ވޯޓް ފޮށި ނުބަހައްޓާ ރިސޯޓުތަކުގައި ވޯޓުލުމަށް ކުރިން ރަޖިސްޓަރީ ވެފައިވާ ރައްޔިތުންގެ ރަޖިސްޓަރީ މިހާރު އޮންނާނީ އެމީހަކު ރަށްވެހިވެފައިވާ ރަށެއްގައި ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

"ވީމާ، އިސްވެ ބަޔާން ކުރެވިފައިވާ ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިރައްޔިތުން، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކުރުމަށް ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރުން އެދެމެވެ." އިލެކްޝަންސް ކޮމިޝަންގެ އިއުލާނެއްގައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މަޖިލިސް އިންތިޚާބުގައި ވޯޓް ލާން ރަޖިސްޓްރީ ވުމަށް ހުޅުވާލާފައެވެ. މާޗް މަހުގެ 02 ވަނަ ދުވަހުގެ ކުރިން ވޯޓް ލުމަށް ރަޖިސްޓްރީ ވާން ޖެހޭނެއެވެ. މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަން ޖެހޭނީ ރިޔާސީ އިންތިޚާބު 2018 ގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ.

ރަޖިސްޓަރީ ކުރުން އޮންނާނީ 2019 ފެބުރުވަރީ 18 ވާ ހޯމަ ދުވަހުން ފެށިގެން 2019 މާރޗް 02 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 03:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި މާލޭ ސިޓީގައި ނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ.