ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދެންމެ ޖަހައިފިއެވެ.

މީގެއިތުރުން ފުލުހުން ހައްޔަރުކޮށްފައިވާ އިލްހާމްގެ ކޮއްކޮ އާދަމް ޒާލިފްގެ ބަންދަށް ވެސް ވަނީ 15 ދުވަސް ޖަހާފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު އިލްހާމާއި ސިނާން ރާއްޖެ ވަޑައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެދުވަހު އެއާޕޯޓުން އެ ދެ ބޭފުޅުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ ދެ ބޭފުޅުންް ދޫކޮށްލަން އަމުރުކޮށްފައެވެ.

ސިނާން އާއި އިލްހާމް ފަހުން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރަން ނުޖެހޭއިރު ކުއްލިއަކަަށް އެމީހުން ކޯޓަށް ހާޒިރުކުރަން ނިންމި ސަބަބެއް އެނގިފައެއް ނުވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިނާން އާއި އިލްހާމްގެ އިތުރުން ވެސް ފުލުހުން ވަނީ މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކޮށްފައެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޢީމާ

    އިލްހާމާމެދު ދެރަވެ ހިތާމަކުރަން! ދުވަހެއްގަވެސް ހީވެސްނުކުރަން އިލްހާމު މިފަދަ ވެދާނޭކަމަކަށް! ކީއްކުރާނީ؟ ބަޔެއްގެ މަޅީގައި ބެދުނީތާ!