ޕްރައިމަރީގައި ނާކާމިޔާބުވި ކެންޑިޑޭޓުންނަށް އިންތިޚާބުތަކުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅާ، އަދި ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 04 ވަނަ ދުވަހާއި ހަމައަށް ދިނުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން ކުރި ޙުކުމަށް ވެރިކަންކުރާ އެމްޑީޕީން ފާޑުކިޔައިފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންތިޚާބަށް ވާދަކުރުމަށް ޤާނޫނީގޮތުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުއްދަތަށް ސްޕްރީމް ކޯޓުން ބަދަލު ގެނެސް، މީގެ ކުރިއެކޭ އެއްފަދައިން އަނެއްކާ ވެސް ސްޕްރީމް ކޯޓުން އިންތިޚާބުގެ ތެރެއަށް ވެންނެވުމުގެ ޢަމަލު ހިންގަވަން ފަށްޓަވާފައިވާތީ، އެމްޑީޕީން ކަންބޮޑުވާ ކަމަށެވެ.

މުޅި ރާއްޖޭގައި ފުޅާގޮތެއްގައި ވާދަވެރި ޕްރައިމެރީއެއް މިފަހަރުވެސް ބޭއްވި ހަމައެކަނި ސިޔާސީ ޕާރޓީއަކީ އެމްޑީޕީ ކަމަށްވާއިރު، ޕްރައިމެރީގައި ނާކަމިޔާބުވާ ފަރާތްތަކުގެ ވާހަކަ ނަންގަނެ، ސްޕްރީމް ކޯޓުން މިއަދު އެ ނިންމުން ނިންމަވައި، އިންތިޚާބީ ތާރީޚުތަކަށް ބަދަލު އަންނާނޭ ގޮތަށް ޢަމަލުކުރައްވާފައިވަނީ އެމްޑީޕީ އަށް އަމާޒުކޮށްގެން، މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ގެއްލުން ދެއްވުމުގެ ގޮތުންކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

"ސިޔާސީ ޕާޓީ ތަކުގެ ޕްރައިމެރީ އިން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭނޭ ގޮތަށް މިދިއަ ސަރުކާރުން ފާސްކުރި ޤާނޫނަށް ސްޕްރީމް ކޯޓުން ވާގިވެރިވުމުގައި މިހުރިހާ ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވުމާއެކު ކުއްލިއަކަށް އަނެއްކާ ވެސް އިންތިޚާބީ ތާރީޚުތަކަށް ބަދަލު އަންނާނޭ ގޮތްތަކަށް ޢަމަލުކުރެއްވުމަކީ ވަކި ބަޔަކަށް ސިޔާސީ މަންފާއެއް ހޯއްދަވައިދެއްވުމަށް ކުރެއްވި ކަމެއްކަމުގައި މި ޕާޓީ އިން ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ސްޕްރީމް ކޯޓަކީ ސޫއު މޯޓޯގެ އުސޫލުން އަމިއްލައަށް އެކިއެކި ޤާނޫނުތައް ނަންގަވައިގެން އެ ޤާނޫނުތަކުގެ މާއްދާތަކާއި ބާބުތައް މީގެ ކުރިން ބާތިލުކުރައްވާފައިވާ ކޯޓެއްކަން ވެސް ފާހަގަ ކުރާކަމަށް އެމްޑީޕީ އިން ބުންޏެވެ.

"ނަމަވެސް މިހާތަނަށް ވެސް މިދިއަ ސަރުކާރުން ފާސްކުރި މި ޤާނޫނުގެ މާއްދާ ބާތިލުކުރައްވާފައި ނުވެއެވެ. ހަމައެފަދައިން، ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް އެހެން އެއްވެސް ޕާޓީއަކަށްވުރެ ކުރިން އެމްޑީޕީ އިން ކެންޑިޑޭޓުން ހޮވައި، ފުރިހަމައަށް ތައްޔާރުވެ، ކެމްޕޭނުގެ މަސައްކަތް ފަށާފައިވަނިކޮށް، އިންތީޚާބީ ތާރީޚުތަކަށް ބަދަލުގެނައުމަކީ މި ޕާޓީއަށް އަމާޒުކުރައްވައިގެން މި ޕާޓީއަށް ގެއްލުންދެއްވުމުގެ ގޮތުން ހިންގަވާފައިވާ ޢަމަލެއްކަމަށް ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ޤާނޫނީ ގޮތުން އެލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީޚުތަކާ އެއްގޮތަށް އިންތިޚާބު ބޭއްވުމަކީ ކޮންމެހެން ލާޒިމުކަމަކަށްވާތީ، އެގޮތަށް ޢަމަލުކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދޭންޖެހޭކަމަށް އެމްޑީޕީ އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބެއްޔާ

    އިލެކްޝަނަށް ހާދަ ތައުރީފެއް. ބަލަ ނަޝީދު ސާފު ހުދު ކާފޫރަށް ހެދީވެސް ސްޕްރީމްކޯޓުން. އެކަން ހަނދާންނައްތާލައިގެންނުވާނެ. ކާންދޭއަތުގައި ދަތް އަޅާކަށްނުވާނެ. މިހާރު މަޖްލިހަށް ވާދަކުރެވެނީވެސް ސްޕްރީމްކޯޓުގެ ދީލަތިކަމުން ވަކިފަރުދަކަށް ކޮށްދިންކަމެއް.

    15
    2
  2. މަސްވެރިޔާ

    ސްޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން ބައްލަވާ ގުޅުން ހުންނަ ކަންތައް އެމްޑީޕީއަށް ވަރަށް އޯކޭ. ސްޕްރީމް ކޯޓުގެ ނިންމުނަށް ވަރަށްގިނަ ރައްޔިތުން ތާއީދު. އެހެނީ މިލިބުނީ ބަޔަކް ތަޅުލާފައިވާ ހައްގެއް. ޕާޓީ އެއްގެ ޕުރައިމަރީ އެއްގަ ބަލިވިޔަސް އެއީ އޭނގެ ތާއީދު ނެތިގެންވާ ކަމެއްނޫން. އެހެނީ އޭގަ ވޯޓް ދޭނީ އެޕާޓީއެއްގެ މެންބަރުން އެކަނި.

    16
    2
  3. ޖާދޫގަރ

    ހަހަހަހަ ނޯ ހަޖަމް އުތަ ތީ ވާވަރަކީ... ކަރަޕްޓަރުންގެ ޕާޓީ ވަގު މިނިސްޓަރުންގެ ޕާޓީ އަށް ހަޖަމެއް ނުވާނެ.. ޔާމީނަށް ހުކުމް ކުރީމަ އޯކޭ މި ބައިގަނޑު ބޭނުން ނުވާގޮތަށް ހުކުްމ ކުރީމަ ކަޑަ ކޮން ވައްތަރު ހުންނަނީ..... ކަލޯ މެން ހަޖަމް ކުރަން ދަސްކޮށްބަ...

    15
    2
  4. ޔާމިން

    ކޮބާ ހަޖަމެއް ނުވި ދޯ؟؟؟

    16
    2
  5. މިއަދު

    އެދުވަސް އެމްޑީޕީއަށް ކަމުނުދިޔަ މިއަދުވެސް ހަމަ ކަމުނުދިޔައީ އެދުވަހު އެބަދަލު ޤަބޫލުނުކޮށް މިއަދު އެގޮތް ރަގަޅުމިވީކީއްވެ ވެރިކަން ހިންގަން ލިބުނުފުރުސަތުގައި ބާޜުތައް މުށުތެރެކުރަން ނުވަތަ ރައިސްޔާމީނު ހުދުމުހުތާރުވެރިކަމެއްކުރަންގެނައިބަދަލުތަށް ކަމަށްބުނާބަދަލުތަކަށް މިއަދު ސަނަކިޔަނީ ކީއްވެ ރައިސްޔާމިނެކޭ އިބުރަހިމް މުޙައްމަދު ސާލިހެކޭ އެއްފަދަކަމަށްޤަބޫލުކުރަނީދޯ

  6. ޝާން

    ވަޒީފާގެ ބިރަށް ބަޔަކު ލޮލު ފިޔަނުޖެހިގެން އުޅޭކަމީ ހަގީގަތެއް. އެކަމަކު މިފަހަރު ދޮވެ ސާފުކޮށްލަންވާނެ.

  7. ޖުމާ.

    އެމްޑީޕީ އެދޭ ގޮތަށް ޙުކުމެއް ނައިއްޔާ އެއީ ގޯސްވީ. އިލެކްޝަން ކަމިޝަން ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އަށް ވަރަށް ބަރާބަރު ވާނެ.

  8. ކޯޓް

    ދެން ގޮސް ތަޅުއަޅުވާފައި ގާޡީ ވަގަށް ނަގާ..

  9. ގޑނ

    ސުްްޕުރިމް ކޯޓަށް ކީއްވެގެންތޯ ފާޅުގައި ޙުކުމަށް ގޮންޖައްސަވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަންނުކެރެނީ.

  10. އެލެކްސް

    އެމްޑީޕީ އިން ސުޕުރީމް ކޯޓުގެ ހުރުމަތަށް އަސަރު ކުރާފަދަވާހަކަ އެއް ބުންޏަސް އެއްވެސް ކޯޓަކަށް ކުރެވޭނެ ކަމެއް ނޯންނާނެ. އެކަން އެކޯޓު ތަކަށް ވެސް ރަނގަޅަށް އެގޭނެ. ނިކަމެތި މީހާ ކޯޓު ފަޓުލޫނޭ ބުންޏަސް މައްސަލަ އަކަށް ވާނެ.