ވޯޓް ކަރުދާހުގައި ފާހަގަ ޖެހުން މަނާ ކުރުމުގެ ޤާނޫނު މިވަގުތު ތަސްދީގު ކުރުމާއި ދެކޮޅަށް އިލެކްޝަންސް ކޮމިޝަނުން ވާހަކަދައްކަމުން ގެންދަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެ ޤާނޫނު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ "އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު" އަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފި ކަމަށެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ފާސްކުރައްވާފައިވަނީ 4 މާރިޗު 2019 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާގައެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް މިފަހަރު ގެނަސްފައިވާ އިސްލާހަކީ އެޤާނޫނުގެ 56 ވަނަ މާއްދާގެ 4 ވަނަ ނަމްބަރުގެ ފަހަތަށް 5 އިތުރުކޮށް ނަންބަރު ތަރުތީބު ކުރުމެވެ. "އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު" ގެ 56 ވަނަ މާއްދާއަށް އިތުރު ކުރެވުނު 5 ވަނަ ނަންބަރުގައި ބުނެފައިވަނީ، "މި ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާއި އެއްގޮތްވާ ގޮތުގެ މަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު" ބާތިލުވާނެ ކަމަށެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

އިންތިޚާބަށް އިއުލާންކޮށް، އިންތިޚާބުގެ މަސައްކަތްތައް ކުރިއަށް ދަނިކޮށް، އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި، ގަވާއިދުތަކަށް ބަދަލުގެންނަނަމަ އިންތިޚާބު ހަރާބު ވެދާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި އެ ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ވަނީ ވިދާޅުވެފައެވެ.

އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިޚާބަށް ޢިއުލާން ކުރުމަށްފަހު، އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނައުން ހުއްޓުވުން ޖެހޭ ކަމަށެވެ.

"އެހެން ނޫނީ އިންތިޚާބުތައް ހަރާބުވެގެން ހިނގައިދާނެ" އަކްރަމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރައީސް ބިލް ތަސްދީގު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަނުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    މަކަރާ ހީލަތަށް މަގުފަހި ކުރުމާށް ނޫންގޮތަކަށް ތި ބިލްވެސް ފާސް ނުކުރާނެ. މިތިބީވާ ބައެއް ވެރިކަމާ ހަވާލުވެފަ. މުޅި ގައުމު ހަނާވަމުން މިދަނީ. އިގްތިޞާދު ދަށަށްގޮސް ވިޔަފާރި ކުރާތަންތަން ބަންދުކުރަންޖެހޭ ހިސާބަށް މިއޮއްދަނީ. ދުނިޔޭގެ ބޮޑެތި ކުންފުނިތަކަށް ދީފަހުރި މަޝްރޫޢުތައް ހިފެހެއްޓުމުން، އެމީހުންނަށް ދޭންޖެހޭ ފައިސާ އެތަށްގުނައެއް އިތުރުވެ، ރައްޔިތުންނަށް ޚިދްމަތްދޭން ހުރި ފައިސާ ކޮޅުން އެގްރީމަންޓާ ހިލާފުވެގެން އެފައިސާ މިވަނީ ދޭން ޖެހިފައި. ދިވެހިން މިތިބީ ނިކަން ރީތި ބޮނޑިއެއް ބޮއެގެން. ދެން މަޖްލީހުގެ އިންތިހާބުގައި، މޑޕ އަށް ވޯޓު ދީގެން، ހަލާކުގެ ތެރެއަށް ފުއްމާލާ. އަމިއްލަ އަނބޮޑު ބޮޑު ކުރެވޭތޯ ކޮންމެ ދިވެއްސަކުވެސް އުޅޭނީ.

  2. ސުރައްޔާ

    ތިޔަ އެލެކްސަންސްކޮމިސަންގެ މީހުންނެއްނޫންތަ ރިޔާސީ އިންތިޚާބު ޚަރާބުކުރީ؟ ރައީސް ޔަމީނަށް ރައްޔިތުންދިންވޯޓުން 30000 ވޯޓު ވަގަށްނަގާ އަނެއްކޮޅަށް މޮޅުކޮށް މުޅި ވެރިކަން ޙަރާމްކޮށްފަ މިއަދު އަގަފެޅިގެން އުޅޭނޭކަމެއް ނެތެވެ.

  3. އަހުމަދު

    ރަނގަޅު ކޮންމެ ކަމަކަށް މަރުހަބާ ކިޔަން ވާނެ... މިކަމުން އިންތިޚާބު ޚަރާބެއް ނުވާނެ ވާނީ ރަނގަޅު ވޯޓް ވިއްކުމަށް ޓަކައި ފާހަގަ ޖެހުމަށް ފަހު ތިމާގެ އަމިއްލަ ނަން ލިޔެ ފޮޓޯާ ނަގާ އެ ފޮޓޯ ތާއިދު ކުރި ކެނޑިޑޭޓަށް ދެއްކުމަށް ފަހު މީގެ ކުރިން ފައިސާ ހޯދާ ކަމުގެ ވާހަކަތައް ވަރަށް އާންމު ... މިގެނެވުނު ބަދަލް ވަރަށް ރަނގަޅު

  4. ޔާމީން

    ދެން އިދިކޮޅު ކޮންމެ ކަރުދާހެއްގައި ދެފާހަނގަ ޖަހާ ވޯޓު ބާތިލް ކޮއްލާ... މިފަހަރުވެސް ވާނެ އަނޮޓި ގެނަން.

  5. އަޙުމަދު މުޙައްމަދު

    އަކްރަމް ރިޝްވަތު ނަގާ ދޮރެއް ބަންދުވީ. ޝަރީފަކީ އަކްރަމްގެ އަޅެއް. ޙަބީބު މެންބަރު ކަމަށް ކުރިމަތި ނުލަންވެސް އެ މީހުން އެދުނު. އަދި ހަބީބު ހޮވުނަ ނުދޭން މަސައްކަތްވެސް ކުރި. ހޮވުނީމާ ތިމަންނަމެން ވަރަށް މަސައްކަތް ކޮށްދިނީމޭ ކިޔައިގެން ހަބީބު ހައްލަން ވެސް އުޅުނު. ޙަބީބާއި އަމްޖަދު މުޞްތަފާ ނޫނީ ތިޔަތަނުގައި ކަމުދާ އެކަކު ވެސް ނެތް.

  6. ހޯރަބޭ

    ރައީސް ގެ ނިންމުންރަގަޅު އެއްޗެއްބުނާކަންނުޖެހޭ

  7. ހޯރަބޭ

    ރައީސް އެކަން ކުރީ ރަގަޅަން ދެން އަކުރަމެއް ވެސްބުނާނެ އެއްޗެއްނޯންނާނެ