20 އަހަރުގެ ޤައުމީ ޚިދުމަތުގެ ތެރެއިން ނަޒާހަތްތެރިކަމާއެކު ޚިދުމަތް ކޮށްދެވޭނެކަން ސާބިތުކޮށްދީފައި ވާނެކަމުގައި އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުލްމަތީން ވިދާޅުވެއްޖެއެވެ.

މަތީން މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވަމުން ގެންދަވާ މަޖިލިސް ބަހުސް 2019 ގައި ވާހަކަ ދައްކަވަމުންނެވެ.

މި ބަހުސްގެ ތެރޭގައި އަމިއްލަ ނަޒާހަތްތެރިކަމާބެހޭގޮތުން ވާހަކަދައްކަވަމުން މަތީން ވިދާޅުވެފައިވަނީ މާޒީއަކީ މުސްތަޤްބަލުގެ މޫނުބަލާ ލޯގަނޑުކަމަށާއި، ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި އޭނާ މަސައްކަތްކުރެއްވީ ސަރުކާރުގެ އެންމެ ގިނަ މަޝްރޫޢު ހިންގި ދާއިރާތަކުގައި ކަމަށާއި އެވްރެޖްގޮތެއްގައި އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ މަތީންގެ ބެލުމުގެ ދަށުން ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކުރެވިފައިވާއިރު އެ މަސައްކަތްތަކާއި ގުޅޭ އޮޑިޓް ރިޕޯޓު ކޮންމެ އަހަރަކުވެސް އޮޑިޓަރޖެނެރަލް ވަނީ ނެރުއްވާފައި ކަމަށެވެ.

މިރިޕޯޓުތަކަށް ބަލާއިރު، މި މަސައްކަތްތައް ކުރައްވާފައިވަނީ މާލިއްޔަތު ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތަށް އަމާނާތްތެރިކަމާ އެކުގައިކަން ހާމަވާކަން މަތީން ފާހަގަކުރެއްވިއެވެ. ހަމައެގޮތަށް ވޭތުވެދިޔަ 10 އަހަރު ސިޔާސީ މައިދާނުގައި މަސައްކަތްކޮށްފައި ވާއިރު ފައިސާގެ ނުފޫޒުގައި ސިޔާސީ ފިކުރު ބަދަލު ކޮށްފައި ނުވާނެ ކަމުގައިވެސް މަތީން ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަތީން ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.