އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް އުޅޭކަމަށް ބުނެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި ވާހަކަތަކަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ރައްދު ދެއްވައިފި އެވެ.

ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގައި ޕީޕީއެމް ފެކްޝަނެއް އެބައޮތްކަމާއި އެފެކްޝަނުން މަޖިލިސްތެރޭ ޕީޕީއެމް އާއި އެކު މަސައްކަތް ކުރާކަން މިއީ މިހާރު ފޮރުވެން އޮތް ކަމެއްނޫން ކަމަށް ވިދާޅުވިއެވެ. ޕީޕީއެމް މެމްބަރުންލައްވާ ސަރުކާރާއި ދެކޮޅަށް އިސްލާހުތަށް ހުށައަޅުއްވަނީ ކޮންބޭފުޅެއްކަން އިއްޔެގެ މަޖިލިސް ބަލާލި މީހަކަށްވެސް ސާފުވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އެހެން ވިދާޅުވީ ޓެކްސްތައް ބޮޑުކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ތާއިދުކުރައްވާ މަޖިލީހުގެ މެމްބަރުން ދައްކަވާ ވާހަކަތަކާއި ގުޅިގެން ނެވެ. ސަރުކާރުން ބޭނުންވި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ޓެކްސް ބޮޑުކުރަން ފާސްކޮށްފަ އެވެ. ނަމަވެސް އެ ބިލަށް ރައީސް ނަޝީދަށް ތާއިދުކުރެއްވި މެމްބަރުން ހުށަހެޅުއްވި އެންމެ އިސްލާހެއްވެސް ފާހެއް ނުވެއެވެ.

ރޮޒައިނާއަށް ރައްދު ދެއްވައި ވަހީދު ވިދާޅުވީ ފެކްޝަނެއްގެ ވާހަކަ ރޮޒައިނާ ދެއްކި ނަމަވެސް އެއީ މުސީބާތެއް ކަމަށެވެ.

"ފެކްޝަނެއް ނޫން ކުޑަވަރެއްގެ މުސީބާތެއް އޮތީ. އެ މުސީބާތް އެމްޑީޕީތެރެއަށް ލައިގަތީ 2013 ރިޔާސީ އިންތިޚާބު ފަހުބުރު. އޭރުވެސް މިޕާޓީ ބައެއް މެމްބަރުން ކިޔާތީ އެހިން މިޕާޓީގެ ދުވަސް ދުއްވާލާނޭ." ވަހީދުގެ ޓުވީޓުގައި ވެއެވެ.

ރޮޒައިނާ އާއި އޭނާގެ ފިރިކަލުން ނާޝީޒް އާއި ނާޝިޒްގެ ބޭބެ، މިހާރު ދިވެހިރާއްޖެ އިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ތަސްމީން އަލީ އަދި މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމްޑީޕީ އާއި ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި ނެގި ވޯޓަށް ފަހުއެވެ. އެބޭފުޅުން އިންތިހާބުގެ ފުރަތަމަ ބުރުގައި ތާއިދު ކުރެއްވީ އޭރުގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަށެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ:

  • ޖީއެސްޓީ- %6 އިން %8 އަށް ބޮޑުކުރުމަށް
  • ޓީޖީއެސްޓީ- %12 އިން %16 އަށް ބޮޑުކުރުމަށް

އިއްޔެ އެކަމަށް ކޮމެޓީގައި ވޯޓަށް އެހުމުން ޓެކްސް ބޮޑުކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ޖުމްލަ 19 މެމްބަރެކެވެ. އޭގެ ތެރޭގައި އެމްޑީޕީގެ 11 މެމްބަރަކާއި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެބްރަކު ހިމެނެއެވެ