ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ދެން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ދެން ކުރި ޓްވީޓެއްގައި ބުނީ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓް ކަރުދާސް ޗާޕް ކުރުމަށް މިއަދު ހަވާލު ކުރުމާއި ގުޅިގެން ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު މިއަދުން ފެށިގެން ނުދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މަޖިލިސް އިންތިޚާބު އޮންނާނީ އޭޕްރިލް މަހުގެ 06 ވަނަ ދުވަހު އެވެ. އެހެންކަމުން ދެން އިންތިޚާބު ޖެހެން އޮތީ 18 ދުވަހެވެ.

ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ބަންދު ކުރިއިރު އިއްޔެ ވެސް ބައެއް ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސް އިންތިޚާބުގައި ވާދަނުކުރަން ނިންމާފައެވެ. އިންތިޚާބުގައި ވާދަކުރަން ކުރިން ފެށިގެން އިއުލާން ކޮށް ކެމްޕޭން ކުރެއްވި ބައެއް ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓް ނަމްބަރު ތަރުތީބު ކުރުމުގެ ކުރިން ވެސް ނަން އަނބުރާ ގެންގޮސްފައެވެ.

އިންތިޚާބުގައި ވާދަނުކުރަން ނިންމާ ނަން ގެންދެވި ބައެއް ބޭފުޅުން ވަނީ އެބޭފުޅުންގެ ދާއިރާތަކުން ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ތާއިދު ކުރަން ވެސް ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާނިމް

    ކެޑިޑޭޓް ނަންބަރު ތަރުތީބުކުރި ދުވަހު ސަރީފް ވިދާޅުވި ނަން އަބުރާ ގެންދިއުން މިވަގުތަށް ބަންދުވީއޭ، ކީކޭ މިކިޔަނީ

  2. ހިހި ހިހި

    ހަރާން ލާރިގަނޑު އަދިވެސް ހަޖަމް ނުވަނީތަ؟