ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިނގުރައިދޫ ދާއިރާއަށް ވާދަކުރައްވާ އިބްރާޙިމް ފަލާޙުގެ ކެމްޕެއިން ފައިނުގައިވެސް ކުރިއަށް ގެންގޮސްފިއެވެ.

ފައިނުގައި އިއްޔެ ވަނީ ޑޯޓުޑޯ ގެ ހަރަކާތެއް ކުރިއަށް ގެންގޮސްފަައެވެ. ފަލާޙު ވެސް ބައިވެރިވި މި ހަރަކާތުގައި ފައިނުގެ ގެތަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ފަލާޙު ވަނީ އަޑުއައްސަވާފައެވެ. އަދި އެކަންކަމަށް ހައްލު ގެނެވޭނެ ގޮތްތަކަކާއި ގުޅޭ ގޮތުން ވަނީ އެ ރައްޔިތުންނާއިއެކު މަޝްވަރާ ކުރައްވާފައެވެ.

ފައިނުގައި ކުރިއަށްދިޔަ ކެމްޕެއިން ހަރަކާތްތަކާއި ގުޅިގެން، ފަލާޙުގެ ކެމްޕެއިން މެނޭޖަރ އަޙުމަދު މާހިރު ވިދާޅުވީ، ފައިނު ރައްޔިތުން ވެސް ބޭނުންވަނީ ތަރައްޤީ ގެނެސްދެވޭނެ ބޭފުޅަކު މަޖިލީހުގައި ހުންނަން ކަމަށާއި، އެ ބޭފުޅަކީ ފަލާޙުކަން ފައިނުގެ ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ.

"ފައިނުގެ ގެތަކަށް ވަނީމަވެސް އަޅުގަނޑުމެންނަށް މި އަޑު އިވެނީ ހަމަ އެއް ވާހަކަތަކެއް. އެބޭފުޅުންވެސް ބޭނުންވަނީ ތަރައްޤީ ގެނެސްދެވޭނެ ބޭފުޅަކު މަޖިލީހުގައި ހުންނަން. އެ ބޭފުޅަކީ ފަލާޙުކަން އެ ހުރިހާ ބޭފުޅުންވެސް ޤަބޫލުކުރޭ. އިދާރަކުރެއްވިއްޔާ މި އިންތިޚާބު އަޅުގަނޑުމެންނަށް ކާމިޔާބު ވާނެ." މާހިރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މާހިރު ވިދާޅުވީ، ވަރަށް އަވަހަށް ފަލާޙުގެ ކެމްޕެއިން ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށާއި، އެ ޖަލްސާ އަކީ ވަރަށް ކުލަގަދަ، ފޯރިގަދަ، ޖަލްސާއަކަށް ވާނެ ކަމަށެވެ.

"ފަލާޙުގެ ކެމްޕެއިންގެ ބޮޑު ޖަލްސާ ވެގެންދާނީ އިނގުރައިދޫ ތާރީޙުގައިވެސް ބާއްވާނެ އެންމެ ބޮޑު ޖަލްސާއަށް. އެންމެ ފޯރިގަދަ ޖަލްސާ. އެންމެ އަޑުގަދަ ޖަލްސާ. މި ޖަލްސާގައި ދާއިރާގެ ހުރިހާ ރައްޔިތުންވެސް ބައިވެރިވެވަޑައިގަންނަވާނެ." މާހިރު ވިދާޅުވިއެވެ.

ކުރިއަށްއޮތް އިންތިޚާބުގައި ފަލާޙު ކުރިމަތިވެލައްވަނީ، ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހެވެ