ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައްދުގައި އޮއެވާލި ކަނދުފަތި ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން ގއ ކޮލަމާފުށީގެ ބޭރުން އޮއިވާލި ކަނދުފަތި އިއްޔެ ހަރުކޮށްފިއެވެ.

ކޮލަމާފުށީގެ އުތުރު އިރުން 17.5 މޭލު ބޭރުން މިސަރުކާރުން އެފްއޭޑީ ނުވަތަ އޮއިވާލި ކަނދުފަތި އަޅައިފައިވާއިރު މަސްކަނދުފަތިތަކުގެ ސަބަބުން މަސްވެރިންނަށް ނުހަނު ބޮޑު ފައިދާތަކެއް ދަނީ ލިބެމުނެވެ.

ރާއްޖޭގައި އޮއެވާލި ކަނދުފަތި ހަރުކުރަނީ އަތޮޅު ދުނިންފެށިގެން ބާރަ މޭލާއި ވިހި މޭލާ ދެމެދުގައި އަތޮޅުގެ ނިވައި ނުޖެހޭވަރަށް މާކަނޑުގައެވެ. ރާއްޖޭގައި އޮއެވާލި ކަނދުފަތި ހަރުކުރަމުންދަނީ ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި މިކަން ނުކުރާހާ ފެންވަރު ރަނގަޅުކޮށެވެ.

މަސްވެރިން ޤަބޫލުކުރާ ގޮތުގައި ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމަށް އިންޤިލާބެއް ގެނުވި އެއްޗަކީ އޮއެވާލި ކަނދުފައްޗެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަންސާސް ފަސް ކަނދުފަތި ހަރުކޮށްފައިވެއެވެ.

އޮއެވާލި ކަނދުފައްޗަކީ ދިވެހިންގެ ދޮށީގެ މަސްވެރިކަމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ވަސީލަތަކަށްށް ވާއިރު އެތަކެއްޗަށާއި އޮއިވާލި މަސްވެރިކަމަށް ގެއްލުން ލިބޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް ފިޝަރީސް މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެންމެ ފުރަތަމަ ސަރުކާރުން އޮއިވާލި ކަނދުފަތި ހަރުކުރީ 1980 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ ހަތާވީސްވަނަދުވަހުއެވެ.