މަރާލާފައިވާ މީހުނާއި ވާނުވާ ނޭންގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ޒާހިދު ރަމީޒް މިއަދު ހާޒިރު ކޮށްފައިވާ އިރު، އޭނާ ހާޒިރު ކުރީ ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލައިގައި ކަމަށް ބައެއް ފަރާތްތަކުން ފެތުރި ވާހަކަތައް ޒާހިދު ދޮގު ކޮށްފިއެވެ.

ޒާހިދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މަރުތައް ބަލާ ކޮމިޝަނަށް އޭނާ ހާޒިރު ކުރެވިފައި ވަނީ އޭނާއާ ޒަމާނުއްސުރެ ނަފުރުސަތު އޮންނަ މީހެއްގެ ބަޔާނުގައި ދައްކާފައިވާ ވާހަކަތަކެއްގެ ތެދު ދޮގު ހޯދުމަށް ކަމަށެވެ. އަދި އެކަމަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާ ކަމަށްވެސް ޒާހިދު ބުނެފައިވެއެވެ.

ޒާހިދު ބުނެފައި ވަނީ ޔާމީން ރަޝީދުގެ މަރާ ގުޅިގެން އޭނާއަށް އެއްވެސް ސުވާލެއް އަމާޒުކޮށްފައިނުވާ ކަމަށާއި، އޭނާއަކީ ޝައްކު ކުރެވޭ މީހެއް ނޫން ކަމަށް މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދުވެސް ޔަގީން ދީފައިވާ ކަމަށެވެ. އަދި ފުލުހުންވެސް 2017 ވަނަ އަހަރުވެސް ބުނެފައި ވަނީ އޭނާއަށް ޝައްކު ކުރެވޭ އެއްވެސް ކަމެއް ޔާމީންގެ މަރުގެ ފަހަތުގައި ނުވާ ކަމަށެވެ.

ޒާހިދު ބުނެފައި ވަނީ މީގެ އަހަރުތަކެއް ކުރިން އޭނާ ކޮށްފައިވާ ޓްވީޓްތަކެއް ބޭނުންކޮށް، އޭނާގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އަޅުވަން މަސައްކަތް ކުރާ ކަމަށާއި، އެ ޓްވީޓްތައް މިހާރު ރިމޫވް ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ކުރިމަތިވި އެއްވެސް އޮޅުމަކަށް މާފަށް އެދޭ ކަމަށްވެސް އޭނާ ބުންޏެވެ.

ޒާހިދު ބުނެފައި ވަނީ ޔާމީންގެ މަރަށް އިންސާފު ލިބި، އެކަން ކުރި މީހުންނަށް ހައްގު އަދަބު ލިބެން އޭނާވެސް ބޭނުންވާ ކަމަށާއި، އެ މަރު ހަރުކަށި އިބާރާތުން އަބަދުވެސް ކުށްވެރި ކުރާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޚަދީޖާ

    އަފްރާޝީމް މަރާލި ދުވަހު އަންނި ބުނި، އަފްރާޝީމް މަރާލި މީހުން ފުރައިގެން ރާއްޖެއިން ބޭރަށް ހިނގައްޖެޔޭ. ދެން ކީއްވެބާ އެކަލޭގެއާ ސުވާލުކުރަން ހުސްނުއްސުއޫދަށް ނުކެރިގެން އުޅެނީ.

    6
    2