ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުވާ ލިބޭ ތިން މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން މަރާލުމުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ މަރު ކޮމިޝަނުންނެވެ. އެ މައްސަލައިގައި ލިބުނު ކުރިއެރުންތަކެއްގައި ޖޫން މަހުގެ 26 ވަނަ ދުވަހު ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ:

  • އަހުމަދު އިސްމާއިލް (އަހަނދު)- 39 - މއ. ފާގަފިލާގެ (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން)
  • އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ)- 30 - މ. ލެގޫންވިއު (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ)
  • އަހްމަދު މުއާޒު (ގަޓު މުއާ)- 40 - މާލޭ ދަފްތަރު (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން)

މި މައްސަލައިގާ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެއީ، މި މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރި ފަހުން ތާވަލުކުރި ފުރަތަމަ އަޑުއެހުމެވެ. އެ އަޑުއެހުމުގައި ވަނީ ތުހުމަތުވާ ތިން މީހުންގެ ބަންދު ދަމަހައްޓާފައެވެ.

މި މައްސަލައިގާ ތުހުމަތުވާ ތިން މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެކަމަކު، މިފަދަ މައްސަލަތަކުގައި ޝަރީއަތް ފެށުމަށްފަހުގައި ބަންދުގެ މުއްދަތު އަލުން މުރާޖާ ކުރާނެއެވެ. މިގޮތުން ބަންދުގެ މުއްދަތު މުރާޖާ ކުރުމަށް ފަހުގައި ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ތިން މީހުން ވެސް ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކްރިމިނަލް ކޯޓު - ވަގުތު އިމޭޖްސް

އެކޯޓުގައި މި މައްސަލަ މިހާރު ކުރިޔަށް ގެންދަނީ ސިއްރުކޮށްގެންނެވެ. މި މައްސަލައިގައި މިދިޔަ މަހު ބޭއްވި އަޑުއެހުމުގައި ދިފާއުންނާއި ދައުލަތުން ވެސް ވަނީ އަޑުއެހުންތައް ސިއްރުކުރަން އެދިފައެވެ. އެއީ، ޝަރީއަތުގައި ދެކެވޭ ވާހަކައެއްގެ ސަބަބުން މީހަކަށް ގެއްލުންވެދާނެތީ އާއި އަދި ޝަރީއަތުގައި ދެކެވޭ ވާހަކައަކުން ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަ ކުރައްވާފައެވެ.

ދިފާއުން އަޑުއެހުންތައް ސިއްރުކުރަން އެދުނީ މައްސަލައިގެ ބާވަތުން އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށްގެންދާ ނަމަ ދައުވާ ލިބޭ މީހުންގެ މަސްލަހަތަށް ގެއްލުން ލިބިދާނެތީއެވެ.

2017 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރު ޔާމީންގެ މައްސަލައިގައި ހަ މީހެއްގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ދައުވާ އުފުލާފައެވެ. އެ މީހުންގެ ތެރެއިން ދައުވާ ސާބިތުވީ ދެ މީހެއްގެ މައްޗަށެވެ. އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ކޯޓުން ނިންމުމުން، ޕީޖީން ވަނީ އެ މައްސަލަ މިދިޔަ އޭޕްރީލްގައި ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

2014 ވަނަ އަހަރު ގެއްލުވާލި ނޫސްވެރިޔާ ރިލްވާން މަރާލި މައްސަލައިގައި ވެސް ދެ މީހެއްގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ދައުވާ އުފުލާފައެވެ. އެ ދެ މީހުން ވެސް ވަނީ ކުށްސާބިތުނުވެ މިނިވަންވެފައެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފު ވެސް ކޮށްފައެއް ނުވެއެވެ.

މަރު ކޮމިޝަނުން މީގެ ކުރިން ބުނެފައިވާގޮތުގައި ރިލްވާން ކިޑްނެޕްކޮށް، ރާއްޖޭގެ އަލްގައިދާ ގޮފިން ވަނީ އޭނާ މަރާލާފައެވެ. ގޮތް ނޭނގޭ މަރުތަކާއި، ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުހައްމަދު އަންޖުމް

    އެފެށީ ހެށްލައިންތައްފުރަން ކިހާބޮޑުވެއްޖެ ކަމެއްމީ ތިޔަފޮޓޯތައް ދަކާފައި ފަލަސުރުހީތަކަށް އަރުވައިގެން އެމީހުންނަށް އިންސާފުލިބޭތަ ތިކުރަނީ ނުބައިކަމެއް އެމީހުންގެ އާއިލާތަކަށް ކުރާނެ އަދި ކުރަމުންދާ އަސަރުތަކަށް ހޫނުތެޔޮޖެހުން ކަހަލަކަމެއްތީ ތިޔަށްވުރެ ރަނގަޅު ތިމަންނަމެނަކަށް މިކަމެއްނުވިޔޭ ކިޔާފަ ހުއްޓާލިޔަސް އޭރުން މިދުނިޔޭގައި އިންސާފެއްނުލިބޭނެ ކަން ކަށަވަރުވީތާ ނަމަވެސް އެކަމަށްބެލުމެއްނެތި ތިމާމެންގެ ކުޅަދާނަކަން ދައްކަންތިޔައުޅެނީ ބޮދުފާފައެއް ތިޔަކުރެވެނީ އާއިލާތަކުގެ ބަދު ދުޢާލިބުންގާތީ

  2. ކޭލްކޭލްކާ

    އަނެއްކާވެސް ވޯޓައްކައިރިވާތީ ޤަބުރުވިއްކަން ފަށަނީ

    5
    1
  3. ސަމުގާ

    ޔާމީން ޕާޓީ ކުދިން ދޯ

  4. ދިވެހި ޒުވާނުން

    ތިކުދީންނަށް ބަލާލީމާ ކޮންމެ މީހަކަށްވެސް އިނގޭނެ ކާކުގެ އޯޑަރަކަށް ކުރިކަމެއްކަން ބަލަ އެކަން ތަހްގީގް ނުކޮށް އެއޯޑަރ ދިން މީހުންނަށް އަދަބު ނުދީ ތިކަން ކުރީމާ ތިކަން އެކުރީ އިންސާފުންތޯ ރާއްޖޭގެ ފަސްގަނޑު ގޮވާނަގާނޭ ޝަރީޢަތުގެ ޚަސްމުން ހަމަނުވާކަމަށް