މީގެ ފަސްއަހަރު ކުރިން ހަމަ މި އިންތިހާބެވެ. ނައިފަރު ދާއިރާގެ ސިޔާސީ ސަފުތައް ފޫއަޅުވަމުން އެކި ފިކުރުތަކުގެ ފަހުލަވާނުން ކުރިއަށް ނިކުތީ އެއް ޖޯޝެއްގައެވެ. އެއީ ނައިފަރު ދާއިރާއަށް ތަރައްޤީ ހޯދާދިނުމާއި ޒުވާނުންނާއި އިޖްތިމާއީ ބޮޑު ތަޞައްވަރަކާއެކު ނިކުތް، ކެންޑިޑޭޓް އަޙްމަދު ޝިޔާމް ހޮވުމަށެވެ. ނައިފަރުގެ ފަހުލަވާނުންނާއެކު ޝިޔާމް ވަނީ ފަސްއަހަރުގެ ދައުރުގައި ބާރު ސްޕީޑްގައި ތަރައްޤީގެ ނާރެހުގައި ދަތުރުކޮށް ދިގުރާސްތާއެއް ކަޑައްތުކޮށްފައެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި މުހިންމު ވަގުތުގައި ޝިޔާމާއެކު މިފަހަރުވެސް ނައިފަރުގެ ފިކުރުތަކުގެ ފަހުލަވާނުން ވަނީ ތަފާތު ދައްކާފައެވެ. ޝިޔާމުގެ ފަހަތުން ފިކުރުތަކުން ގެތެމުންދިޔަ ބަދަހި ސަފުތަކާއެކު ނިކުމެ، ޝިޔާމްގެ ޓީމްވަނީ ސަރުކާރު ކެންޑިޑޭޓް އަދި ކައުންސިލް ރައީސްގެ މައްޗަށް 300 ވޯޓުގެ ފަރަގު ހޯއްދަވާފައެވެ. ޖުމްލަ 1515 ވޯޓް ޝިޔާމަށް ލިބުނުއިރު މިއީ އިންތިހާބުގައި ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓެއްގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓަކު ހޯދި އެންމެ ތަފާތު ބޮޑު ކާމިޔާބީއެވެ. ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުތް ޝިޔާމަށް މި ލިބުނު ކާމިޔާބީގައި އެތައް ސަބަބުތަކެއް ވެއެވެ. ފުރަތަމަ ކަމަކީ ނައިފަރު ދާއިރާ ތަމްޞީލުކުރުމަށް ލިބުނު ފުރުޞަތުގައި ފިކުރުތައް ތަފާތު ނުކުރުމެވެ. ނައިފަރަށް ތަރައްޤީ ހޯދުމަށް ޝިޔާމް އިސްނަގައިގެން ކުރިމަސައްކަތްތަކާއި ދާއިރާގެ ޒުވާނުންނާއި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް ދިން އިސްކަމެވެ. ފަސް އަހަރުގެ ޓާމްގައި ރައްޔިތުންނާއި ބޭއްވި އެކުވެރި ގުޅުމެވެ.

"ރައްޔިތުން ވޯޓް ދިނީ ޝިޔާމަށް. ޝިޔާމްގެ ޕާފޯމަންސްއަށް. ނައިފަރު ރައްޔިތުންނަކީ އެރައްޔިތުން ހަވާލުކުރާ އެސައިންމަންޓްތައް އެރައްޔިތުން އަމިއްލައަށް މާކްކުރާ ބައެއް. ޝިޔާމް ޓާމް ނިންމާލިލެއް ފުރިހަމަ ކަމުން އެރައްޔިތުން ދިން ބޮޑު އިނާމެއް މީ. ޝިޔާމަށް ލިބުނު އިނާމު ހީނުކުރާހާ ބޮޑުވީމަ އެފެންވަރަށް ރައްޔިތުންގެ މަސައްކަތް ނިންމާލަ ނުދެވުނު ބަޔަކު ކުރާނެ ސަކުވާއެއް އޮވެގެން ނުވާނެދޯ" ޝިޔާމްގެ ކެމްޕޭން މެނޭޖަރ ފަރުޙަތު، "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ފަރުޙަތު ފާހަގަކުރި ގޮތުގައި މިއިންތިހާބުގައި ދާއިރާގެ، އެމްޑީޕީގެ ފާހަގަކޮށްލެވޭ ފަހުލަވާނުންކޮޅެއް ވަނީ އަމަލީގޮތުން ޝިޔާމްގެ ފަހަތުގައި މަސައްކަތްކޮށްފައެވެ. އެއީ ރަށުވަންތަ ލޯބިއޮތް ހަރުދަނާ ވިސްނުމެއް ގެންގުޅުނު ބޭފުޅުންކޮޅެއް ކަމަށާއި އެބޭފުޅުން މަސައްކަތްކުރީ ނައިފަރު ތަމްޞީލުކޮށް ރައްޔިތުންގެ ބަސްބުނާނެ އެންމެ ހަރުދަނާ މީހާ ހޮވުމަށް ކަމަށެވެ. އަދި އެކަން އެވަނީ އެފަހުލަވާނުން ކާމިޔާބުކޮށްފަ ކަމަށްވެސް ފަރުހަތު ވިދާޅުވިއެވެ.

ޝިޔާމް އާއި އެކު މަސައްކަތް ކުރެއްވި ބައެއް ޒުވާނުން

"އަޅުގަނޑުމެން އަބަދުވެސް ބޭނުންވަނީ އެކުވެރި ބަދަހި މުޖްތަމައެއް. ސިޔާސީ އެކިފިކުރުތަކާއެކުވެސް އެންމެން ގުޅިގެން ކާމިޔާބު ހޯދުން. ޒުވާނުންގެ ކުރިއެރުމަށް ފުރުޞަތުތައް ތަނަވަސްވުމާއި އިޖްތިމާއީ އެކުވެރިކަން ބަދަހިވުން. މިކަން ހާޞިލްކޮށްދިނުމުގައި ތަފާތުދައްކާ މިކަންކޮށްދެވޭ ވަރު މީހާ ވޯޓްގައި ކުރި ހޯދީ." ނައިފަރުގެ ޒުވާނުންނާއި އިޖްތިމާއީ ކުރިއެރުމަށް މަސައްކަތްކުރާ ނައިފަރު ޒުވާނުންގެ ނަމުންނަމަ މޮޑީގެ ޝުއޫރުތައް ހާމަކުރިއެވެ.

ޝިޔާމްގެ ފަސްއަހަރުގެ ދައުރުގައި ޒުވާނުންނަށް ވަނީ އުންމީދީ ކުރިއެރުންތަކެއް ގެނެސްދީފައެވެ. ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކޮށްދީ ފުރުޞަތުތައް ތަނަވަސްކޮށްދީފައެވެ.

"ޒުވާނުންނާއި ގުޅިގެން މަސައްކަތްކުރާ ބޭފުޅެއް ޝިޔާމް ނޫނީ ނުފެނޭ. ޒުވާނުންގެ މައްސަލަތަކަށް ހައްލު ހޯދައިދީ، ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމަށް ޝިޔާމް ކުރި މަސައްކަތާއި އަޅާކިޔާނެ އެހެން ކަމެއް ފެންނާކަށްނެތް. ދެންއޮތީ ހަމަހަމަ ކަމާއިއެކު ގުޅިގެން މަސައްކަތްކުރުން. ފިކުރުތައް ތަފާތުކުރުމެއްނެތި ހިތްތިރި ލީޑަރަކަށް ފެންނަން ހުރީ ޝިޔާމްކަމަށްވާތީ ޝިޔާމަށް ރައްޔިތުން ވޯޓުދިނީ" ނައިފަރުގެ ޒުވާނުން މުހިންމު ވަގުތުތަކުގައި ނަތީޖާ ނެރޭ ފޯވާޑެއްގެ ގޮތުގައި ސިފަކުރާ މާއްޓޭގެ ޝުއޫރުތައް ހާމަކުރިއެވެ.

ނަޑަކް އަކީ ނައިފަރުގެ ޒުވާނުންގެ ތެރެއިން ނަގާއި ކިޔާ ނަމެކެވެ. ކުޅިވަރުގެ ދަނޑުތަކުގައި ކަށިން ހިތްވަރުނެރޭ ފަދައިން ނަޑަކްގެ އަޒުމާ ޖޯޝް ގުޅިފައިވަނީ ނައިފަރުގެ ޒުވާން ޖީލުން ޝިޔާމްއާއެކު ފަށާފައިވާ ތަރައްޤީގެ ދަތުރުގެ ސްޕީޑް މެކުހަށް ޖެހުމަށެވެ.

"ޝިޔާމްއަކީ ޒުވާނުންގެ ލީޑަރެއް. ޝިޔާމްއާއެކު އަޅުގަނޑުމެން ކުރިއަށް މިދަނީ ކުޅިވަރުގެ އިތުރު ވަސީލަތްތައް ގާއިމްކޮށް، ގައުމީ ދަނޑުތަކުން ޒުވާނުންނަށް ފުރުޞަތުތައްހޯދާދިނުމަށް ޝިޔާމް ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރުމުގެ ގޮތުން. މިއީ ވަކިފިކުރެއް ނޫން. މިއީ ނައިފަރު ޒުވާނުންގެ އަޑު. ޒުވާނުންގެ ފިކުރު. މުޅިރައްޔިތުންގެވެސް ފިކުރު" ނަޑަކްގެ ޝުއޫރުތައް ހާމަކުރިއެވެ.

ކޮންމެއަކަށް ޝިޔާމް އަށް މި ލިބުނު ބޮޑު ކާމިޔާބީ އާ އެކު، އެ ދާއިރާގެ ހުރިހާ ރައްޔިތުންވެސް ތިބީ، އެ އަތޮޅަށް ނިޞްބަތްވާ، މި ޤައުމުގެ މިއަދުގެ ރައީސް، އިބްރާޙިމް މުޙައްމަދު ޞާލިޙާއި އެކު ނައިފަރު ދާއިރާގެ ތަރައްޤީގެ އެތަށްކަމެއް ގެނެސްދެއްވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދު ނަޢީމު

    ކެމްޕެއިންހުއްޓާފައޮތްރޭގައި ، އެމްޑީޕީން އެމީހުނަށްވޯޓުލާ ބޮލަކަށް 3000 ރުފިޔާ ބަހައިގެންވެސް ނައިފަރުގެ ގިނަ ރައްޔިތުންނެއް ނުގަނެވުނު. އެގޮތަށް ފައިސާ ނުބެހިނަމަ 500 ވޯޓުވެސް އެމްޑީޕީ ކެނޑިޑޭޓަށް ނައިފަރުން ނުލިބުނީސް. ނައިފަރު ރައްޔިތުންނަށް ބޭނުންވާ ތަރައްޤިގެ ބޮޑުބައި އެވަނީ ނިމިފަ! 200 ހައުސިންޔުނިޓާއި މަގުތައް ތާރުއަޅައިގެން ހެދުމަކީ ޔާމީންގެ ސަރުކާރުން ތައްޔާރުވެފައިއޮތް ކަމެއް! 2019 ގެ މެދެއްހާތަނުގައި އެމަސައްކަތް ފަށަން ހަމަޖެހިފައި އޮތީ! ފަންޑުވެސް ހަމަޖެހި ބަޖެޓްވެސް ކުރެވިފައި އޮތީ! ދެން ވާނޭގޮތެއް ނޭގޭ!

    17
    5
  2. އާމިނަތު

    ޅ. ހިންނަވަރު ދާއިރާވެސް ވޯޓުގެ ކުރީދުވަހާހަމަޔަށް އޮތީ ޕީޕީއެމް ކެނޑިޑޭޓް ޢަބްދުﷲ ނާޒިމަށް! އިބޫ އައިސް ޑްރަގުނަގާމީހުންތަކަށް ފެލިވަރުން ނުއެކަށޭނަ މަޤާމުތައްދީ ފަސްހާހުން ދިހަހާހުން ރުފިޔާ ބަހައިގެން ވޯޓު ބަދަލުކުރީ! މީ ދޮގެކޭ ބުނާމީހަކީ ބޮޑު ދޮގުވެރިއެއް!

    21
    4
  3. ކަނބުލޮ

    ނައިފަރު ރައްޔިތުން ދެއްކި ފަދަ ނަމޫނާއެއް އެހެން ކޮންމެ އަތޮޅަކާ ރަށަކުންވެސް ދެއްކިނަމަ ކިހާ ރަނގަޅުވިށްހޭ ހިތައް އަރާ.

  4. ސީމާ

    ޝިޔާމް އަކީ އަޅުގަނޑުމެން ނައިފަރު ރައްޔިތުންގެ ހުރިހާ އުއްމީދެއް މިހާތަނަށް ފުރިހަމަ ކޮއްދެއްވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ނައިފަރު ރައްޔިތުންގެ ލޯބި ލިބިފަވާ ނައިފަރު ރައްޔިތުންގެ އެމްޕީ??