ޝައުބާން މަހުގެ ރޯދަ ހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރާ ރަވާތިބު ސުންނަތް ކުރުން ފަދަ ކަމެއް ކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެ އެވެ.

”ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ޝައުބާން މަހުގެ ރޯދަ ހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރާ ރަވާތިބު ސުންނަތް ކުރުންފަދަ ކަމެކެވެ. އެ ރަވާތިބު ސުންނަތް ކުރުމުގެ ސަބަބުން ފަރުޟު ނަމާދަށް ފަށައިގަތުމުގެ ކުރިން މީހާގެ ހިތާއި ސިކުނޑި ނަމާދުގެ ތެރެއަށް ވައްދާލައެވެ.” ހުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުތުބާގައި އިތުރަށް ވިދާޅުވީ، ނަމާދު ތެރޭގައި ކުރެވިފައި ހުންނަ ބައެއް އުނި ކަންތައްތައް، ނަމާދުގެ ފަހުގައި ކުރާ ރަވާތިބު ސުންނަތްތަކުގެ ސަބަބުން ފޫބައްދާލާ ކަމަށާއި، ހަމަ އެ ބީދައިން، ޝައުބާން މަހު ގިނަގިނައިން ރޯދަ ހިފުމުން، ރަމަޟާން މަސް އަންނަންވާއިރަށް އެ މަހުގެ ރޯދަތައް ހިދުމަށް މީހާގެ އަމިއްލަ ނަފްޞު ތައްޔާރުކޮށްދޭ ކަމަށެވެ. އަދި ރަމަޟާން މަސް ފިޔަވާ އެހެން މަސްތަކުގައި ހިފާ ރޯދަތަކަކީ މުސްތަޙައްބު ރޯދަތަކެއް ކަމަށްވެސް މިއަދުގެ ޚުތުބާގައި ވިދާޅުވިއެވެ.

ހަމައެހެންމެ، ޝައުބާން މަހުގައި ރޯދަ ހިފުމަކީ އެކަމުގައި ވަރަށް މުހިއްމު ޙިކުމަތްތަކެއް އެކުލެވޭ ކަމެއް ކަމަށާއި، އެގޮތުން އެ މަހަކީ ރަޖަބު މަހާއި ރަމަޟާންމަހާއި ދެމެދު އަންނަ މަހެއް ކަމުން އެމަހާއި މެދު މީސްތަކުން ޣާފިލްވެފައިވާތީ، އެކަމުން މީސްތަކުން ހޭލައްވާ ލުމަކީ އެކަމުގެ އެންމެ ބޮޑު އެއް ޙިކުމަތް ކަމަށެވެ.

އަދި މީސްތަކުންގެ އަމަލުތައް ﷲ ގެ ހަޟްރަތަށް އުފިގެންދާ މަހަކީ ޝައުބާން މަސް ކަމަށް ވެފައި، ﷲ ލޯބިވެވޮޑިގަންނަވާ އަމަލުތައް ކުރުންމަތީ އެ އިލާހުގެ އަޅުތަކުން ތިބޭހާލު، އެ އަޅުތަކުންގެ އަމަލުތައް ﷲ ގެ ހަޟްރަތަށް އުފުލިގެންދާގޮތް މިންވަރު ކުރެއްވުމަކީވެސް ޝައުބާންމަހުގެ ރޯދައިގެ ޙިކުމަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.