ލ.އަތޮޅު މުންޑު އާއި ގަން ފާލަމަކުން ގުޅާލަދޭން، މުންޑޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ހުށަހަޅައިފިއެވެ.

މުންޑުއަކީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އަށް ފަހު ވަރަށް ބޮޑަށް އާބާދީ މަދުވެފައިވާ ރަށެކެވެ. ރަށުގެ ގިނަ ބަޔަކު ސުނާމީ އަށް ފަހު ވަނީ ގަމަށް ބަދަލު ކޮށްފައެވެ. މިހާރު މުންޑޫގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެސް ގިނަ ބަޔަކު ދާދި ފަހުން ވަނީ އެރަށުން އަސާސީ ޚިދުމަތްތައް ނުލިބޭތީ ގަމަށް ބަދަލު ކޮށްދިނުމަށް އެދިފައެވެ.

ރައީސް ޞާލިހާއި އެކު ބޭއްވި ބައްދަލުވުމުގެ ތަފްސީލު ދެއްވަމުން، މުންޑޫ ކައުންސިލްގެ ރައީސް އިބްރާހިމް ނައީމް ވިދާޅުވީ ގަމާއި މުންޑޫއާއި ދޭތެރޭ އޮތް ދެ ކިލޯމީޓަރުގެ ސަރަހައްދަށް ފަސް އަޅައިގެން ފާލަމެއް އަޅައިދިނުމަށް ހުށަހަޅާފައި ވާނެ ކަމަށެވެ.

ދިޔަވަރު ހިކި ވަގުތުތަކުގައި ހިނގާލާފައި މުންޑުއިން ގަމަށް ދެވެއެވެ. ދިޔަވަރު ބޮޑު ދުވަސްވަރުގައި ވެސް އެ ދެމެދުގައި ހުންނާނީ މީޓަރެއްހާ ފުންމިނެވެ.

"ދަތުރު ކުރަން ޖެހޭ ގޮތުން، އިސްދޫ މީހުން ގަަމަށް ދާން އެތައް އިރެއް އެބަ ނަގާ. އެކަމަކު އެ މީހުން މުންޑުއަށް އައިސް މުންޑޫން ވެހިކަލެއްގައި ގަމަށް ދެވުމަކީ ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް،" ނައީމް ވިދާޅުވި އެވެ.

މުންޑު އާއި ގަމާއި ދޭތެރޭ ގިނަ ފަޅުރަށްތަކެއް ހިމެނެއެވެ. އޭގެތެރެއިން ބައެއް ރަށްރަށުގައި ރިސޯޓް ހެދުމުގެ މަސައްކަތް މީގެ ކުރިން އޮތީ ފަށާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ މުންޑޫ އަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި މުންޑޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، މުންޑުއަކީ މީހުން ދިރިއުޅޭ ރަށެއްކަން ރަސްމީކޮށް އެނގެން ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ސުނާމީގައި އެތައް ބައެއްގެ ގެދޮރު ހަލާކުވުމުގެ ސަބަނުން ކުރިމަތިވެފައިވާ ގެދޮރުގެ ދަތިތަކާއި، ރަށުގައި ނަރުދަމާ އަދި ރައްކާތެރި ބޯފެނުގެ ނިޒާމު ފަދަ އަސާސީ ހިދުމަތްތައް ގާއިމުވެފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ. އަދި ރަށުގެ މުވައްސަސާތަކުގައި އެކަށީގެންވާވަރަށް މުވައްޒަފުން ނެތުމުން ދިމާވާ ގޮންޖެހުންތައް މުންޑޫ ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މެންބަރުން ވަނީ ގަމާއި މުންޑޫ ގުޅާލައި ދިނުމަށާއި، ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސް ޞާލިހް ދެއްކެވި ވާހަކަފުޅުގައި މުންޑޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ކަޅައިދޫ ފަދައިންމުންޑޫ މީހުންވެސް ގަމައްބަދަލުކުރުން އެންމެރަނގަޅުގޮތަކީ މިހާރުވެސްނުފޫޒުގަދަ ބައެއްގެސަބަބުންއެކަން ނުނިމިއޮތީ

  2. ގަމާރުން

    ރަށުގަ ކާށި ހޮވާނެ ބަޔަކު ނުތިބޭނެތީ ގަދަކޮށްލައިގެން ތިބޭ ދެތިން ކެނަ ތިރަށުގަ އުޅެނީ. ރަށުން ބާލާފަ ގަމުގަ ވަޒަންވެރި ކުރުވާ. ގާދޫ މީހުންނާ ކަޅައިދޫ މީހުން ދިޔަ ގޮތަށް ތިޔަ މުންޑޫ މީހުންނަށް ނުދެވެންވީ ކީއްވެ؟ މާމެންދޫއަކީ މީހުންވެސް މާގިނަ މާތަނަވަސް ރަށެއް. އެކަމަކު އެރަށު މީހުންވެސް އެތިބީ ބަދަލުވާން. ކޮން މުންޑެއްތަ؟!