ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރެވިފައިވާ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ދެވޭ އުޖޫރައަކީ އާދަޔާހިލާފް ކުޑަ އުޖޫރައެއްކަމަށާއި، ގައިދީން ކުރާ މަސައްކަތަށް ލިބޭ އުޖޫރަ ބޮޑު ކުރަން މަގު ތަނަވަސް ކުރާނެ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ޤައިދީންގެ އުފެއްދުންތައް ދައްކުވައިދޭ އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ މިއަދު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ ސަރުކާރުގެ ތަޞައްވަރަކީ ކުށްތަކަށް އަރައިގަންނަ މީހުން ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރުމަށްފަހު މުޖުތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައުއަށް ގެނައުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެންމެ މުޙިއްމު އެއްކަމަކީ ހުކުމް ތަންފީޒުކުރުމަށްފަހު ނިކުންނައިރު ދިރިއުޅުމަށްޓަކައި ކުރާނެ މަސައްކަތެއް ދަސްވެފައި އޮތުންކަމަށެވެ. އެކަމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ޖަލުގައި ހުކުމް ތަންފީޒުކުރުމަށްފަހު އަންނަ ޤައިދީންނަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކުގެ ނަތީޖާ ފެންނަ އެއްތަނަކީ ސިލްސިލާކޮށް ބާއްވަމުން މިދާ އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގައިދީންގެ އުފެއްދުންތައް ދައްކައިދޭ ފެއާގައި ރައީސް ސޯލިހުގެ ދެކަނބަލުންނާއި ހޯމް މިނިސްޓަރ އިމްރާން ބައިވެރިވެ ވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

"ސަރުކާރުގެ ތަސައްވަރަކީ ހުކުމް ތަންފީޒުކުރާ ފަރާތްތައް އަލުން އަނބުރާ މުޖުތަމައުއަށް ނިކުންނައިރު ކުށް ތަކުރާރުކުރުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި، ތަފާތު އެކި ހުނަރުތަކާއި، މަސައްކަތްތައް ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމްތައް ބޮޑުތަނުން ފުޅާކުރުން" މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިއަށްއޮތް ތަނުގައި ގައިދީން ކުރާ މަސައްކަތާ އެކަށީގެންވާ ވަރުގެ އުޖޫރައެއް ލިބޭނެ މަގު ތަނަވަސްކުރާނަން. ﷲގެ އިރާދަފުޅާއެކު ކުރިއަށްއޮތް ތަނުގައި މިމަސައްކަތްއިތުރަށް ފުޅާކުރެވި ޖަލުތަކުން އެނބުރި މުޖުތަމައުއަށް ނިކުންނަ މީހުންނަކީ އަލުން އަނބުރާ ދިރިއުޅުމެއް ފެށުމަށް ފައްކާވެފައިވާ ބަޔަކަށް ވެގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ޕްރޮގްރާމްގައި ބައިވެރިވެ ތަފާތު އައިޓަމްތައް ތައްޔާރުކުރި ޤައިދީންގެ ހުނަރުވެރިކަން ފާހަގަކޮށް، އެފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ. އަދި އެކަމުގައި އެހީތެރިވެދެއްވި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުރިހާ އޮފިސަރުންނަށްވެސް އެމަނިކުފާން ޝުކުރު އަދާކުރެއްވިއެވެ. ޖަލުތަކުގެ ހާލަތު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބުދުﷲ މުނާޒު އަދާކުރައްވާ ދައުރުވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގައިދީންގެ އުފެއްދުންތައް ދައްކައިދޭ ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ފެއަރ ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެން ޤައިދީންގެ މަސައްކަތްތައް ބައްލަވާލައްވާކަމީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ބަހައްޓަވާ އަހައްމިއްޔަތު ދައްކުވައިދޭ ކަމެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާއަށްވެސް މިނިސްޓަރ ޢިމްރާން ޝުކުރުއަދާކުރެއްވިއެވެ.

ފެއަރ މާފުށި ސްކޫލްގައި ކުރިއަށްގެންދާނީ މާދަމާރޭ އެގާރަ ޖެހުމާ ހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނުރަބޯ

    ފުރަތަމަ ކުރަންވީ ކަމަކީ މީހުން ގައިދީންނަށް ވާންޖެހޭ ސަބަބު ދެނެގަނެ ހަލުވި ސްޕީޑްގައި އިތުރުވަމުންދާ ގައިދީންގެ އާބާދީ އަށް ހުރަސް އަޅާ އެކަން ހުއްޓުވުން. އެހެނީ މަސްތުވާތަކެތީގެ ތެރެއަށް އަލަށް ވަންނަމީހުން،(ޒުވާން ޢުމުރުގެ ކުދިން) އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުން.

  2. މުހައްމަދު

    ކުއްވެރިންގެ ސަރުކާރެއްގަ އޮންނާނީ ކުއްވެރިންނަށް ގިންލާރި ލިބޭގޮތެއް އެމީގުން ކުރާކުއްތަކަށް ފުރިހަމަ އަދަބެއް ނުދެވިގެންއުޅޭއިރު ހުރިހާކުއްވެރިންނަށް ރައްޔިތުންގެ ފައިސާ ވަގަށްނަގައިގެން ބަހާހުސްކުރުން މިކުއްވެރިންނަކީ އެތައްބައެއްގެ ދިރިއުޅުން ބަރުބާދުކޮށް ކުރިބުރަމަސައްކަތުން އެއްކުރި ފައިސާ ފޭރިގަނެ ނުވިތާކަށް ގެޔާ މުދާތަށް ފޭރި އެންމެފަހުން އިއްފަތް ފޭރިގަނެ މަރާލުމުން ކުއްވެރިވާތީ ޝަރީއަތުން ލިބެންޖެހޭ އަދަބެއް ދިނުމަށް ލެވޭތަނެކެވެ. ނަމަވެސް ވަގަށްނެގި ސަރުކާރުން ސަރުކާރު ދެމެހެއްޓުމަށްޓަކައި ކުއްވެރިންނަށް ބޮޑުމުސާރަޔާ އޯގާތެރިކަމާ ބޯހިޔާވެހިކަން 5 ސްޓާ ފެންވަރަށް ދިނުމީ އަނިޔާލިބުނު މީހުންނަށް ކުރާ މަލާމާތަކަށްނޫނީ ވާނެތޯ؟

    1
    2
  3. އަހްމަދު

    އެހެންވީމަ ތިބުނަނީ ހުރިހާމީހުން ޖަލައްވަންނާށޭތަ؟

  4. ހޯރަބޭ

    ރަގަޅު ކަންކަންވެސް ކުރެވެންޖެހޭ