ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް މާލެ ގެނައުމަށްފަހު ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އަނބުރާ ދޫނިދޫ އަށް ގެންގޮސްފިއެވެ.

އަރީފް ދެވަނަ ފަހަރަށް މިއަދު މާލެ ގެނައިރު އޭނާ ކްރިމިނަލް ކޯޓަށް ވަނީ އެއްފަހަރު ހާޒިރުކޮށްފައެވެ. ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި ބަންދާ މެދު ގޮތެއް ނުނިންމާ އަރީފް އަނބުރާ ދޫނިދޫ އަށް ގެންދިޔައީ މިހާރު ކުރީގެ ރައީސް މައުމޫން އާއި އެހެން ބައެއް ފަރާތްތަކުގެ މައްސަލަތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާތީ ގިނަ އިރުތަކެއް ކޯޓުގައި އަރީފް ހޭދަކުރަން ޖެހިދާނެތީއެވެ.

އަރީފްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ވެސް އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކުރިއެވެ. ނަމަވެސް ފަހުން އެ ޝަރީޢަތް ވަނީ ކެންސަލްކޮށްފައެވެ.

އަރީފްގެ ބަންދާއި މެދު ގޮތެއް ނިންމުންގެ ޝަރީޢަތް މިއަދަށް ތާވަލުކޮށްފައިވާއިރު އޭނާގެ ބަންދާއި މެދު މާދަމާ ރޭގެ 19:00 ގެ ކުރިން ގޮތެއް ނިންމަން ޖެހޭނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ބުރާސްފަތި ދުވަހުގެ ރޭގެ 19:00 އަށް ހަމަވާނެތީއެވެ.