ނިރުބަވެރިކަމުގެ ތުހުމަތު (ޓެރަރިޒަމްގެ ތުހުމަތު) ރާއްޖޭގައި ފަޚުރަކަށް މިހާރު ވެފައިވާ ކަމަށާއި އެތުހުމަތު ކުރީތީ ފަހުރުވެރިވާ ކަމަށް ކުރިން ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ނރުބަވެރިކަމަކީ އެންމެ ބޮޑެތި އަދަބު ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށަކަށްވާއިރު އިބްރާހިމް ދީދީ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައި އެއްގައެވެ. މި ޓުވީޓުގައި އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ ނިރުބަވެރިކަމުގެ ތުހުމަތަކީ މިހާރު ޝަރަފެއް ކަމަށެވެ. އެހެންކަމުން އެ ތުހުމަތުކޮށްފައިވާ ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާތީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނާާ ހިލާފަށް ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައި މެމްބަރު ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި ނަމަވެސް އެ ދައުވާގެ ޝަރީއަތް އަދިވެސް ނުނިމެނެ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހު އެކެއްގައި އަމުރެއް ނެރެގެން، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، ނިރުބަވެރިކަމުގެ ތުހުމަތުކޮށް، ރާއްޖޭގެ ސިޔާސީ އަދި ޝަރުއީ ދާއިރާގެ އިސް ބައެއް ބޭފުޅުންގެ މައްޗަށް ދައުވާކުރަން މިހާރު ވަނީ ފޮނުވައިފަ އެވެ.

ދައުލަތުން ނިރުބަވެރިކަމުގެ ތުހުމަތު ކޮއްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު މައްޗަށެވެ.

މި ބޭފުޅުންގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާކުރަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. ނިރުބަވެރިކަމުގެ ކުށެއް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަވެގެން ވެސް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަދި މީގެ އިތުރުން މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން އަހްމަދު ނަދީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި ރައްޔިތުންގެ މަޖިލިހުގެ މެންބަރު އަބްދުﷲ ސިނާނާއި އިލްހާމް އަހްމަދުގެ މައްޗަށް ވެސް ނިރުބަވެރިކަމުގެ ދައުވާ ވަނީ އުފުލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގާސިމްސިޔާދު

    ތިއަށް ކިޔަނީ ހައްދުފަހަނަ އަޅަާދިއުން ނޫންތަ

  2. ޖެޓްފިއުލް

    މި ގޮތްކުޑަ މީހާ ލަދުކުޑަ ކަން ނިކަންދެކެބަލަ އަހަރެމެން ލައްވާ ގޭގަ ނޯކިރީ ކުރުވާ ފޮށިއުފުލާ މިކަލޭގެ ވެސް އަދި އެއުޅޭ އަހްމަދު ޒާހިރުވެސް ސާއްލާ

  3. ޖޫސް

    ބަލަ ތެދެއްވާނީ ތެދަކަށް އަދުރޭބުންޏަސް

  4. މުހަންމަދު

    ބުއްދި ސަލާމަތުން ތޯހުރީ ޗެކު ކޮށްލުން އެދެން

  5. ރަނދަ

    ތިކަން އެނގޭނީ އެފަދަ ތުހުމަތެއްގެ އަދަބެއް ލިބުމުން.

  6. ގާސިމޫ

    ތިޔަ ބޭފުޅުން މަޖިލިސް ގައިތިއްބަވާ ލިއުއްވި ޤާނޫނު ކަމުނުދިޔައީ ތޯ؟ ރާއްޖޭގައި ޓެރެރިޒަމް މާނަކުރަނީ ޤާނޫނުގައި ލިޔެފައިވާ ގޮތަށް ނަމަ ހަމަ ރަނގަޅު. ވަކި މީހަކާޖެހުމުން ބަދަލުވާއެއްޗަކަށް ޤާނޫނެކޭ ނުކިޔޭނެ ނޫންތޯ

  7. ފަރުމާ

    ޓެރަރިޒަމަކީ މި ގައުމުގެ ފަހުރެއް ގައިރު މުސްލިމުންނަް ބިރުބެރި ރަނގަބީލެއް.