ރައްޔިތުންގެ މަޖިލީހަށްވުރެ ބާރުގަދަ ކުންފުނިތައް ރާއްޖޭގައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރ، އަޙުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

އާމިރު މިހެން ވިދާޅުވީ، މިއަދު އޮތް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 12 ވަނަ ޖަލްސާގައި، އާއްމު ޤަވާއިދުތަކާއި ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމާއި ގުޅޭ ބަހުސް މަރުޙަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އާއްމު ޤަވާއިދުތަކާއި ބެހޭ ޤާނޫނަކީ އަޅުގަނޑުމެންގެ މި މަޖިލީހުން ކޮންމެ އަހަރުވެސް އިސްލާހުތަކެއް ގެނެވޭ ޤާނޫނެއް. އަދި މި އިސްލާޙުވެގެންދާ ކޮންމެ ފަހަރަކު އަޅުގަނޑުމެންނަށް އިޙްސާސްކުރެވޭ އަޅުގަނޑުމެން ހަދަންޖެހޭ މުޙިއްމު ޤާނޫނުތަކެއް ހެދިފައިނުވާކަން. އަޅުގަނޑުމެން މި ގެންނަ އިސްލާޙުތަކާއި އެއްގޮތަށް ޢަމަލުކުރޭތޯވެސް އަޅުގަނޑުމެން ބަލަން އެބަ ޖެހޭ. މަޖިލީހުގެ އާއްމު ގަވާއިދުތަކާއި ބެހޭ ކޮމެޓީން، އެ ޤާނޫނުގެ ޖަދުވަލުތަކަށް ބަދަލުގެނެވޭނީ. އެހެންނަމަވެސް ބައެއް ފަރާތްތަކުން އެކަން އެނޫން އެގޮތަށް އެބަ ކުރަމުންދޭ. މިއަދާހަމައަށް އައިއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ދިޔައީ ރައްޔިތުންގެ މަޖިލީހަށްވުރެ ބާރުގަދަ ކުންފުނިތައް މި ދިވެހި ރާއްޖޭގައި ވާކަން." އާމިރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އާމިރު ވިދާޅުވީ، ހުރިހާ ކުންފުނިތަކުންވެސް ޤަވާއިދުތައް ހަދަންވާނީ އެއް އުޞޫލެއްގެ ތެރެއިން ކަމަށާއި، ނަމަވެސް އެކި ކުންފުނިން ގެންގެޅޭ އުޞޫލުތައް ތަފާތުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ރައްޔިތުންނަށް ނޯޅޭނެ ގޮތަކަށް ރަނގަޅު ނިޒާމެއް މި ރައްޔިތުންގެ މަޖިލީހުން ނިންމައިދޭންޖެހޭ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. އާއްމު ޤަވާއިދުތަކާއި ބެހޭ ޤާނޫނު އިސްލާޙުވެގެން ދާއިރު، އެންމެންނަށްވެސް އެއް އުޞޫލެއްގެ ތެރެއިން މި ޤަވާއިދުތައް ހެދޭނެ ނިޒާމެއް އޮންނަންވާނީ. ނަމަވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެކި ކުންފުނިތަކުން މި ގެންގުޅެނީ އެކި އުޞޫލުތައް." އާމިރު ވިދާޅުވިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް އާމިރު ވަނީ އިންތިޚާބު ވެފައެވެ. އާމިރު އިންތިޚާބުވެފައިވަނީ މިހާރުވެސް އެ ދާއިރާއެއް ތަމްޞީލުކުރައްވަމުން ގެންދަވާ، ކުޑަހުވަދޫ ދާއިރާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ފިލާވަޅު

  ތިޔަ ކުންފުނިތަކިގެ ނަން ހާމަ ކުރަން ނުކެރެނީ ކީއްވެބާ ރައްޔިތުމީހުންގެ މަންދޫބް ޖެހިލުން ނުވާނެކަމަށް ވަޢުދު ވީމަ ނުންތޯ ރައްޔިތުން ހޮވަފަ ތިޔަ މަޖްލީޖހުގައި މުސާރަ ނަގައިގެން ތިޔައިންނަވަނީ!!

  7
  5
 2. ބޮލި މުލައް

  ރައީސުލް ޖުމްހޫރިއްޔާއަށްވުރެ މަޖްލީސް މެމްބަރުން ބާރުގަދަ ވާހްކަ ކީއްވެ ނުދައްކަނީ

  7
  5
 3. އަލްޖިބްރާ

  ތިހުރިހާކަމެއްވެސް ކުރުވި ބަޔަކީ ކަލޭމެން ! މިހާރު ތިއަރުވަނީ ކޮން އަގައެއް ؟

  9
  1
 4. ބުރިޓޯ

  ތިޔައީ ކޮންމެމެމްބަރެއްވިޔަސް ރަންގަޅު ވާހަަކައެއް. އެކިކުންފުނިތަކުގަ އެކިގަވާއިދު އެކަމަކު ހަމަ ހިއްސާވަނީދިވެހި ސަރުކާރު. ވަޒީފާތަކުގައުޅެނީހަމަ ދިވެހިރައްޔިތުން. ޢެއްކުންފުންޏެއްގަގަވާއިދު ގަސަލާމް ބުނެވެނީ އަހަރަކު 6 ދުވަހު އަނެއްކުންފުންޏެއްގަ އަހަރަކު 20 ދުވަހު. ޢިރުއަރާއޮއްސެންވާއިރައް ވެސް ވެރިމީހާހިތައްއަރާއިރައް ގަވާއިދ ބަދަލުވެދާނެ. ބޮޑުވަރު..

  2
  1