އެމްޑީއޭގެ ނައިބް ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ފުުލުހުންނާއި ހަޑިހުތުރުބަހުން މުއާމަލާތް ކުރި ކަމަށް ފުލުހުން ވިދާޅުވި ވާހަކަތައް ދޮގުކުރައްވާ، އޭނާ ބޭނުން ކޮށްފައި އޮތް ހުތުރު ބަހެއް ވާނަމަ އޭތިި ހާމަ ކުރައްވަން އެދިވަޑައިގެންފިއެވެ.

މިހާރު އާއްމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ އާމިރު ސައިކަލު މަތީގައި އިންދާ ދެ ފުލުހުން އައިސް އޭނާގެ އަތުގައި ހިފާ ގަދަކަމުން ސައިކަލުން ބޭލުމަށް މަސައްކަތް ކުރާ ތަނެވެ. އަދި އޭނާ އަނިޔާ ނުކުރުމަށް ތަކުރާރުކޮށް ގޮވާ އަޑު އެ ވީޑިއޯއިން އިވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ ފުލުހުން އޭނާ ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަޑު ކުރަން ފުލުހުން އެންގުމުން ވީސީޕީއަށް މަޑުނުކޮށް ހަޑިހުތުރުބަހުން ފުލުހުންނާއި މުއާމަލާތުކޮށް ނުރައްކާތެރި އަދި ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ދިއުމުން ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ސައިކަލު ހުއްޓުވާ ފުލުހުން އޭނާއާ ސުވާލު ކުރުމުން މައުލޫމާތު ދިނުމަށް އިންކާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވެއެވެ.

"އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނަށް ގެންގޮސް މައުލޫމާތު ސާފް ކުރުމަށްފަހު ވަނީ ދޫކޮށްލާފައި.".

މި ހާދިސާއަށް ފަހު ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާމިރު ވިދާޅުވީ، ރާއްޖޭގާއި ގާނޫނުތައް ހެދިފައި ހުރީ އާއްމު އެންމެންނަށްވެސް ހަމަހަމަކަމާއެކެ ގާނޫނު ތަންފީޒު ކުރުމަށް ކަމަށެވެ. އަދި ފުލުހުން ތަންފީޒު ކުރަން ޖެހޭނީ ހަމައެކަނި ޓްރެފިކް ގާނޫނު ނޫން ކަމަށްވެސް އާމިރު ވިދާޅުވިއެވެ.

"އަޅުގަނޑު ރޭގައި ދުއްވާފައި ދަނިކޮށް ޗެކް ޕޮއިންޓެއްގައި ތިއްބެވި ދެ ބޭފުޅުން މަޑުކުރާކަށެއް އެންގުމެއް ނެތި، އެ ބޭފުޅުން މަޑުކުރި ކަމަށް އެންގި ކަމަށް ބުނެ ފަހަތުން އައިސް އަޅުގަނޑު މަޑުކޮށް އަޅުގަނޑު ވީ ނުރުހުމެއް ނީންނާނެ، އަދި ބޭނުން ކުރި ހުތުރު ބަހެއް ނުއިންނާނެ"،

އަދި އެއިރު އޭނާއާ މެދު ވަރަށް ހަރުކަށިކޮށް ކަންތައް ކުރި ކަމަށާއި، އިހްތިރާމް ކުޑަކޮށް އަނިޔާކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށްވެސް އާމިރު ވިދާޅުވިއެވެ. އާމިރު ފާހަގަކުރެއްވިގޮތުގައި އޭނާ ފުލުހުންގެ އިދާރާއަށް ގެންދިޔައީ ޓްރެފިކް ގަވާއިދާއި ހިލާފުވެގެން ޗެކް ޕޮއިންޓަކަށް މަޑު ކުރަން ބުނެ މަޑު ނުކުރުމުގެ ސަބަބުން ކަމަށް ބުނެ ކަމަށެވެ.

"އަޅުގަނޑު ބުނިން ތިއީ ކަނޑައެޅިގެން ދޮގެކޭ. އަޅުގަނޑު ކައިރިއަށް އައިސް ހުއްޓާފައި މަޑުކުރަން ބުނީމަ ބުނިން ކޮން ކަމަކާހޭ މަޑުކުރަންވީ، ކޮބާހޭ ކުށަކީ، ބުނީމަ ބުނީ މަޑުކުރާށޭ ނޫންހޭ މި ބުނީ، ކިޔާފާއި ކުއްލިއަކަށް ކުރިމައްޗަށް އަރާ ސައިކަލު މަޑުކޮށްފައި ސައިކަލުގެ ކުރިމައްޗަށް އަރާ އަޅުގަނޑުގެ ސައިކަލުގައި ހިފެހެއްޓީ". އޭނާ ވިދާޅުވިއެވެ.

އަދި ފުލުހުން ހަމައެކަނި ތަންފީޒު ކުރަން ޖެހޭ ގާނޫނަކީ އެއްގަމު ދަތުރުފަތުރު ކުރުމާއި ބެހޭ ގާނޫނުތޯ އޭނާ އެ ފުލުހުންނާއި ސުވާލު ކުރި ކަމަށްވެސް އާމިރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުރި އެހެން މައްސަލަތައް ނުފެންނަކީ ކީއްވެތޯ އާއި ތަންފީޒު ނުކުރަނީ ކީއްވެތޯ ސުވާލު ކުރި ކަމަށް އާމިރު ވިދާޅުވިއެވެ.

އަދި ފުލުހުންނާއި މެދު ހުތުރު ބަސް ވިދާޅުވި ވާހަކައަކީވެސް ދޮގެއް ކަމަށް އާމިރު ވިދާޅުވިއެވެ.

"މިއަދު ފުލުހުންގެ ހިދުމަތަށް ފޯރުކޮށްދީފައިވާ ވަސީލަތެއް ބޮޑީ ކެމެރާ ހަރުކުރުމަކީ، އެ ބޭފުޅުންގެ ބޮޑީ ކެމެރާއަށް ނޫނީ އެހެން ގޮތަކަށްވެސް އަޅުގަނޑު ބޭނުން ކޮށްފައި އޮތް ހުތުރު ބަހެއް ވާނަމަ އޭތިި ހާމަ ކުރައްވާ. އަޅުގަނޑުގެ އެއްވެސް ރުހުމަކާ ނުލާ އަނިޔާ ކުރަން ފެށީމަ ބުނިން އަނިޔާ ނުކުރާށޭ.".

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާމިރު

    ހަމަހަމައެތްނޫން ރަތްޔަތުންމަޖިލީހުގެ މެންބަރެތްވީމަ ހިތުހުރި ގޮތަކަށް އުޅެންވީ ކީއްވެތަ ޖޫރިމަނާ ނުކޮށް މައުލޫމާތު ސާފުކޮށްފަ ފޮނުވާލީ މައުލޫމާތު ނުދިނުމަކީވެސް ކުޝެއް ނިކަމެތި ރައްޔަތުމީހާވީމަ ގޮޅިއަށް އިއްޒައްތެރިންނޯމީ

  2. ފުލުހުން މަޑުކުރާށޭ ބުނީމަ މަޑުކުރަންޖެހޭނެ

    ކީއްކުރާނީ މިއީ ވެސް ޤާނޫނު ހަދާ މަޖްލީހަށް ބަޔަކު ހޮވާފައި ހުރި މަބޮޑޭ އެއް ވިއްޔަ! ފުލުހުން މަޑުކުރާށޭ ބުނީމައި އެއަމުރަށް ތަބާނުވެ، އެއީ ކީއްކުރަންހޭ އަހައި ރައްދެއް ނުދެވޭނެ އެވެ. މަޑުކުރާށޭ ބުނީމައި، ސުވާލުނުކޮށް މަޑުކުރިނަމަ، ފުލުހުން ހުއްޓުވި ސަބަބު އެނގުނީހެވެ. "އިޙްތިރާމް ލިބޭނީ އިޙްތިރާމް އަދާކޮށްގެންނެވެ."

    2
    1
  3. ޜޮވޭ

    ފުލުހުން މީ ބަލާވެރިކަމަކަށް ވޭ ގިނަފަހަރަށް...ތަންދޮރު ނޭނގެ އަންޓްރެއިންޑް މީހުން ގިނައީ..ތެލަށް ކަނޑާފަ ގޮތް ހުސްވީމަ އަނިޔާ އަށް މަގުފަހިވަނީ...