ކިޔެވުން ފެށުނުތާ ތިން މަސް ދުވަހަށް ވުރެ ވެސް ގިނަ ދުވަސް ވީފަހުން އަރަބިއްޔާ ސްކޫލަށް އަޒްހަރު ޔުނިވަސިޓީން އަރަބި ޓީޗަރުން އަންނަން ފަށައިފިއެވެ.

އަރަބިއްޔާ ސްކޫލަށް މިސްރުގެ އަޒްހަރު ޔުނިވަސިޓީން ހަމަޖެއްސި ޓީޗަރުންގެ ތެރެއިން 11 ޓީޗަރުން އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ.

އެ ޔުނިވަސިޓީގެ 22 ޓީޗަރެއް އަރަބިއްޔާގައި ކިޔަވައިދޭން ހަމަޖެހިފައިވާއިރު، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު އައިސްފައިވަނީ އޭގެތެރެއިން 6 ޓީޗަރުންނެވެ. އަދި އިތުރު ހަތަރު ޓީޗަރެއް މިއަދު ރާއްޖެ އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އަރަބިއްޔާ ސްކޫލްގައި 848 ދަރިވަރަކު ތައުލީމް ހާސިލް ކުރަމުން އާދެއެވެ. އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ބޮޑު ބައެއްގެ ކިޔެވުން ނިމުނު އިރު ވެސް ޓީޗަރުން ހަމަވެފައި ނުވާތީ ބެލެނިވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓީޗަރުން ހަމަނުވުގެ ސަބަބުން ގިނަ މާއްދާތަކެއް ކިޔަވައި ނުދެވި ވަނީ މަޑު ޖެހިފައެވެ.

އަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަމަނުކުރެވެނީ އަޒްހަރު ޔުނިވަސިޓީން ޓީޗަރުން ފޮނުއްވައި ނުދެއްވައި ގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވުމުން ތައުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން ވަނީ އެހެން ގައުމުތަކުން އަރަބި ޓީޗަރުން ގެނައުމަށް ގޮވާލާފައެވެ. އެހެން ގައުމުތަކުން ޓީޗަރުން ގެނެސްގެން ނަމަވެސް ޓީޗަރުން ހަމަނުކުރެވިގެން އުޅެނީ އެޑިއުކޭޝަން މިނިސްޓްރީގެ ވެރިކަންގެ ގާބިލްކަން ނެތިގެން ކަމަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރުން ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ފުރަތަމަ ސެމިސްޓަރގެ ކިޔެވުމުގެ ބޮޑު ބައި ނިމިފައި ވާއިރު އަދިވެސް ބައެއް ސްކޫލްތަކުގައި ޓީޗަރުން ހަމައެއް ނުވެއެވެ. އެގޮތުން ލ.އަތޮޅު މާމެންދޫ ސްކޫލްގައި އަދިވެސް ފިޒިކްސް އާއި ކެމިސްޓްރީ ކިޔަވައިދޭނެ ޓީޗަރެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަހީނު

    ދެން ކިހިނެއް ރާއްޖެ ހައްދުފަހަނެޅުން ހުއްޓުވޭނީ؟

    1
    10
  2. ާަާމަ

    އެމްޑީޕީ ވެރިކަމުގަ ކުރިންވެސް އަރަބިއްޔާ އުވާލަން އުޅުނެއްނު. މިހާރު ދެންވާނީ ވަކިކޮންގޮތެއް. ތާލިބާނުންނޭ ކިޔައިގެން އެއްޗެހި ގޮވިހަނދާން އަދިއެބަހުރި.