އަލް ޢަޞްރު ސޫރަތަކީ ކީރިތި ޤުރުއާނުގައިވާ ވަރަށް މަތިވެރި ސޫރަތެއް ކަމަށާއި، އެ ސޫރަތުގައި ބުނާ ގޮތަށް ޢަމަލުކުރެވިއްޖެނަމަ، އެމީހަކީ ކާމިޔާބު ލިބިގެންވާ މީހެއްކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެ އެވެ.

”އަލް ޢަޞްރު ސޫރަތަކީ ﷲ ގެ ފޮތުގައިވާ މަތިވެރި ސޫރަތެކެވެ. މި ސޫރަތުގައިވާ ކަންތައް އުންމަތަށް އެނގި، އެއާއި އެއްގޮތަށް ޢަމަލުކުރެވިއްޖެ ނަމަ، ކާމިޔާބުގެ މަގު ފެނިއްޖެކަން ކަށަވަރެވެ. އެހެނީ މި ސޫރަތުގައި ކާމިޔާބުގެ ހުރިހާ އުޞޫލުތަކެއް ހިމަނުއްވާފައިވާތީއެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ އެދޭ މީހާއަށް ސަލާމަތުގެ މަގު ދައްކައިދީފައިވާތީއެވެ.”މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްލާމީ މުޖުތަމަޢެއް އޭގެ މަތީގައި ކުރިއަށް ދާންޖެހޭ ޞައްޙަ މަންހަޖެއް އެ ސޫރަތުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެއީ އެ އިލާހުގެ ޝަރީއަތުގެ މަތީގައި ސާބިތުވެ ހުރެވޭނެ، އަދި ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ މަންހަޖެއް ކަމަށެވެ.

”ހަމަކަށަވަރުން އެއީ މުސްލިމު މުޖުތަމަޢުގެ އަފުރާދުން އެއްބަޔަކު އަނެއް ބަޔަކަށް ހައްޤަށާއި، ހެޔޮކަންތައްތަކަށާއި ތަޤުވާވެރިކަމުގެ މަގަށް ވަޞިއްޔަތް ކުރުމުގެ މަންހަޖެވެ. އެބައިމީހުންގެ މެދުގައި އަދުލްވެރިވުމާއި ހެޔޮކަން ފެތުރުމަށް އެހީތެރިވުން ލާޒިމުކުރާ މަންހަޖެވެ. އެބައިމީހުންގެ ހަޔާތުގައި މަތިވެރި އަޚުލާޤީ ސިފަތައް އަށަގަންނުވަން ލާޒިމުކުރާ މަންހަޖެވެ.” މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވަނީ، އަލް ޢަޞްރު ސޫރަތުން ލިބޭ ބައެއް ފިލާވަޅުތަކާއި ޢިބްރަތްތަކުގެ މައްޗަށެވެ.