ރާއްޖޭގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އުވާލާފައިވާ އިރު އަދިވެސް ހުރިހާ ނުރައްކަލަކުން އަރައި ނުގަނެވޭ ކަމަށް ވެރިކަން ކުރާ ޕީޕީއެމް އިން ބުނެފިއެވެ.

ދާދި ދެންމެ އަކު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފު ވިދާޅުވީ ޖުޑީޝަރީ ތެރެއިން ގެންނަން އުޅުނު ބަޣާވާތުން އަދިވެސް ގައުމު އަރައި ނުގަނެވޭނެ ކަމަށެވެ.

" ކުއްލި ހާލަތު އުވާލާފައިވާ އިރު ހުރިހާ ނުރައްކަލަކުން ދިވެހި ގައުމު އަރައި ނުގަނެވޭ. ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު އެންމެންގެ ކިބައިން ދިވެހި ގައުމު ސަލާމަތް ކުރެއްވީތީ ހެއްދެވި ފަރާތަށް ޝުކުރުވެރިވަން " އާރިފު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލަވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރައީސް މައުމޫން އަކީ ބާގީއަކަށް ހެދުމަކީ ނަޝީދާއި ނަޝީދުގެ އާއިލާން އެންމެ ބޮޑަށް ބޭނުންވި އެއްކަން ކަމަށެވެ.

" ރައީސް މައުމޫން އަކީ ބާގީއަކަށް ހެދުމަކީ ނަޝީދާއި ނަޝީދުގެ އާއިލާން އެންމެ ބޮޑަށް ބޭނުންވި އެއްކަން , ބަގާވާތުގައި ބެއްދިގެން ދިޔައީ ރައީސް މައުމޫނާއި ރައީސް މައުމޫނުގެ ގާތް ބޭފުޅުން " ނިހާން ވިދާޅުވިއެވެ.

ބަގާވަތް ގެންނަން އުޅުނީ ގައުމަށް މިހާރު އަންނަމުންދާ ތަރައްގީ ފެންނަމުންދާތީ ކަމަށް ވިދާޅުވެ ނޫސްވެރިނާއި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވީ އެކެއް ފެބުރުއަރީ ގައި ގެންނަން އުޅުނު ބަގާވާތް ނާކާމިޔާބު ވީ ރައީސް ޔާމީންގެ ހިކުމަތްތެރިކަމުން ކަމަށެވެ.

" ކުއްލި ހާލަތު އިއުލާނު ކުރި ނަމަވެސް ރައީސް ޔާމީންގެ ތައްރައްގީގެ މަޝްއޫތަށް މަޑު ނުޖެހޭ " މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އުވާލާފައިވާ ކަން ސަރުކާރުން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މަހުގެ ފަސްވަނަ ދުވަހު ސަރުކާރުން އެންމެ ފުރަތަމަ އިއުލާންކުރީ 15 ދުވަހަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމަށް ކުޑަތަންވެފައި ވަނިކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް އިތުރުކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސްފައި މިވަނީ 45 ދުވަހު ކުއްލި ނުރައްކަލުގައި ބާއްވައިގެން ގައުމު ހިންގުމަށްފަހު އެވެ.