ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން، މާލީ ބަޔާން ހުށަހެޅުމަށް ދިން ސުންގަނޑި ހަމަވިއިރުވެސް އެ ބަޔާން ހުށަހަޅާފައި ނުވާ ކެންޑިޑޭޓުންގެ އޭޖެންޓުންނާއި މެދު ފިޔަވަޅު އެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މިކަން ހާމަކޮށް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރަސްމީ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، މަޖިލީސް އިންތިޚާބަށްފަހު މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓުންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް މިހާރު ޕީޖީ އޮފީހަށް ފޮނުވާފައި ވާކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އާއި ގުޅގެން ޤާނޫނުގައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓުންނާއި މެދު ޤާނޫނުގައި ބަޔާންކުރާ ފިޔަވަޅު އެޅުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވައިފި" އިލެކްޝަންސް އިން ކުރި ޓްވީޓުގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ އިންތިޚާބުގައި ބައިވެރިވި ކެނޑޑޭޓުންނަށް މާލީ ބަޔާން ހުށަހެޅުމަށް ދިން ވަގުތު ހަމަވީ މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުގެ ރޭ 12:00 އަށެވެ. މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަނާޅަނީ 39 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް އިން ވިދާޅުވެއެވެ. އެ ކޮމިޝަނުން ވިދާޅުވީ، މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު މަޖިލިސް އިންތިހާބުގައި ވާދަކުރި 386 ކެންޑިޑޭޓުންގެ ތެރެއިން 347 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ.

އީސީއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި ޕީއެންސީ އާއި އަދާލަތު މިއިން ކޮންމެ ޕާޓީއަކުން އެއް ކެންޑިޑޭޓަކު ބަޔާން ހުށަހަޅުއްވައިފައެއް ނުވެ އެވެ. އެމްޓީޑީއިން ދެ ކެންޑިޑޭޓަކު އަދި ލޭބާ ޕާޓީއިން ދެ ކެންޑިޑޭޓަކު ވެސް ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ. އަދި ޕީޕީއެމްގެ ދެ ކެންޑިޑޭޓަކު ބަޔާން ހުށަނާޅުވައެވެ. އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއިން ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ސުންގަޑީގެ ކުރިން އެބޭފުޅުން މާލީ ބަޔާން އީސީއަށް ހުށަހަޅުއްވައިފަ އެވެ.

މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި 24،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެ އެވެ. ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރެއްވި ބޭފުޅުން އެވެ. އެގޮތުން އަމިއްލަ ގޮތުން ވާދަކުރެއްވި 31 ކެންޑިޑޭޓަކު ބަޔާން ހުށަނާޅުއްވަ އެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުގައި، އިންތިހާބެއް ބާއްވާތާ 21 ދުވަހުގެ ތެރޭގައި އެ އިންތިހާބެއްގައި ވާދަކުރި ކެންޑިޑޭޓުން އެބޭފުޅެއްގެ މާލީ ބަޔާން އީސީއަށް ހުށަހަޅަން ޖެހެ އެވެ.