ހދ. ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓްގެ ރަންވޭ އަޅަން އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަ ޖެނަރަލް ސާމީ އަގީލް އެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

މި އެއްބަސްވުމުގެ ދަށުން ރަންވޭ އެޅުމުގެ އިތުރުން ކުޅުދުއްފުށީ އެއާޕޯޓުގެ ޓެކްސީވޭ އާއި އޭޕްރަން ހެދުން ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީއާ މި މަސައްކަތްތައް ހަވާލުކުރީ 53.9 މިލިއަން ރުފިޔާ އަށް 160 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ކުޅުދުއްފުށި އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެ މަސައްކަތް ކުރީ އެމްޓީސީސީންނެވެ.

ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް މި އަހަރުގެ އޮގަސްޓު މަހުގައި ފުލައިޓް ޖައްސަން ފަށާނެ ކަަމަށް ރައީސް ޔާމީން ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޖްވާ

    މި ސާމީ އަޤީލަކީވެސް ފިނޭންސް މިނިސްޓްރީގަ ހުރި އިރު ވިލާ ކުންފުންޏަށް ދައުލަތުގެ މައުލާމާތު ތަކެއް ދީގެން އެމީހުން ކިބައިން ކޮންމެވެސް މަންފާ އެއް ހޯދަން ވެގެން އުޅުނު މީހެއް!