ގދ. ރަތަފަންދޫ ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ފިހާރައަށްވަދެ، އެފިހާރައިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައާއި ގުޅިގެންނާއި، ހދ. ކުޅުދުއްފުށީ ފިހާރައަކުން ވަގަށްނެގި ތަކެތި ހޯދާ ބަޔަކު ހައްޔަރުކޮށްގައެވެ.

ރަތަފަންދޫ ފިހާރައިން ވައްކަންކުރި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު ތިން މީހަކެވެ.

ފުލުހުން ވިދާޅުވީ، ރަތަފަންދޫ ފިހާރައެއް ފަޅާލައި އެފިހާރައިން ވައްކަންކޮށްފައިވާ ކަމަށްބުނެ، ފުލުހުންނަށް މައްސަލަ ހުށަހެޅުނީ މެއި 24 ވަނަ ދުވަހުގެ ރޭ 3:55 ހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 19 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެއްކަމަށް ފުލުހުން ވިދާޅުވިއެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މިމީހުންނާއި ގުޅުންހުރި ކަމަށް ބެލެވޭ ތަންތަނާއި ރަށުގެ އެކި ސަރަޙައްދުތައް ބަލައިފާސްކޮށް، ރަށުގެ މީހުން ނޫޅޭ ހިސާބު ވަލުތެރޭގައި ވަޅުލާފައި ހުރި ފައިސާ ފުލުހުންވަނީ ހޯދާފައެވެ. އެގޮތުން ފުލުހުން ވަނީ ވަލުތެރޭގައި ވަޅުލާފައިހުއްޓާ 20900 ދިވެހި ރުފިޔާއާއި 412 ޑޮލަރާއި 10 ޔޫރޯގެ އިތުރުން ދެ ކާޓޫނު ހޯދާފައެވެ. މިތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ރަތަފަންދޫ ފިހާރައިން ވަގަށް ނެގި ފައިސާ

ފުލުހުން ވިދާޅުވީ، ކުޅުދުއްފުށި ފިހާރައަކުން ވައްކަން ކޮށްގެން މެއި 23 ވަނަ ދުވަހުގެ 20:30 ހާއިރު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއް ކަމަށެވެ.

އަދި އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން 29 އަހަރުގެ މީހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށްނަަގާފައިވާދެ މޯބައިލް ފޯނާއި މޯބައިލް ފޯނުގެ ސިމްކާޑެއް ފެނިފައިވާކަމަށާއި، އަދި އެ ފިހާރައިން ވަގަށްނަގާފައިވާކަމަށް ބެލެވޭ 3790 ރުފިޔާ އެރަށުގެ ފުށްޓަރު ފަރާތު އަތިރިމަތިން ހޯދާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ދެ މައްސަލާގައި ހައްޔަރު ކުރެވުނު މީހުންގެ ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަންނަމާރި އަމާ

    ފަހު10ގަ ހުންނާނެ ވަރަށް ފޯރި

  2. އަން

    ތި ފައިސާއަކީ އެފިހާރައިން ވަގަށް ނެގި ފައިސާކަން ސާބިތު ކުރާނީ ކިހިނެއް؟
    އަނިޔާވެރި ސަރުކާރު