ބޯކޮށް ވާރޭވެހި، ތ. އަތޮޅުގެ ހަ ރަށެއްގައި ފެންބޮޑުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ބުނެފިއެވެ.

ޑިޒާސްޓާއިން ކުރިއަށް ގެންދިޔަ ނޫސް ކޮންފަރެންސްގައި ބުނެފައި ވަނީ ތ. ކިނބިދޫ، ތިމަރަފުށި، އޮމަދޫ، ވޭމަންޑޫގެ އިތުރުން ގުރައިދުއާއި ދިޔަމިގިލީގައިވެސް ފެންބޮޑުވެ، ބައެއް ގެތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން، ލ. އަތޮޅު އިސްދޫގެ ދެގެއަކަށްވެސް ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށް ޑިޒާސްޓާއިން ބުނެފައިވެއެވެ.

 

މިކަމާއި ގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓަރ ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އެ ސެންޓަރުގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް ޢުމަރު ފިކުރީ ވިދާޅުވީ، އަތޮޅުތަކުގައި ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އެކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

"މެންދުރު ފަހު، ޚާއްޞަކޮށް، ޅ އަތޮޅާއި ތ އަތޮޅަށް ކުރަމުން މިދާ ވިއްސާރައިގައި ބައެއް ގެތަކުގައި ފެން ބޮޑުވެ، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމުގެ މަޢުލޫމާތު އަޅުގަނޑުމެންނަށް ވަނީ ލިބިފަ. އެގޮތުން އެންމެ ފަހުން ނަގާފަ ހުރި މަޢުލޫމާތު ތަކަށް ބަލާއިރު، ލ އަތޮޅުގެ އިސްދޫގެ ދެ ގެއަކަށް ފެން ވަދެގެން އެ ދެގެއަށް ބޭނުންވާ އެހީތެރިކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް އާއި ފުލުހުންނާއި އެ ރަށު ކައުންސިލް ގުޅިގެން މިހާރު ވަނީ ފޯރުކޮށްދީފަ." ޢުމަރު ވިދާޅުވިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގަ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް / ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

މީގެ އިތުރުން ޢުމަރު ވިދާޅުވީ، އެއްވެސް ގެއަަކަށް މީހުންނަށް ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށާއި، މިހާރުވެސް އެ ރަށްރަށުން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ތ އަތޮޅުގެ ހަ ރަށެއްގައިވެސް ވަނީ ފެން ބޮޑުވެފަ. ގުރައިދޫގެ 10 ގެއަކަށް ފެންވަދެ، އެކި ވަރުގެ ގެއްލުންތައް ވަނީ ވެފަ. އަދި އޮމަދޫގެ 7 ގެއަކަށްވަނީ ފެންވަދެ އެކި ވަރުގެ ގެއްލުން ތަކެއް ލިބިފަ. އަޅުގަނޑުމެން މި ގެންދަނީ އެ ރަށްރަށުގެ ކައުންސިލް ތަކާއި ގުޅިގެން އެޅެންހުރި ފިޔަވަޅުތައް އަޅަމުން. އަދި އެ ސަރަހައްދުގެ ސެންޓްރަލް އޭރިޔާ ކޮމާންޑާއި، ފުލުހުންގެ އެހީތެރިކަންވެސް އަޅުގަނޑުމެން މި ދަނީ ހޯދަމުން. އެގޮތުން ގޭގޭގަ ވެލި ބަސްތާތައް ޖެހުމާއި، ކޯރު ކެނޑުމާއި، ޕަންޕުޖަހައިގެން ފެން ހިންދުން ފަދަ ކަންކަން މިހާރުވެސް އެބަ ހިނގާ." ޢުމަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެސެންޓަރުގެ ސީނިއަރ ޕްރޮގްރާމު އޮފިސަރ، ފަރީޝާ އަލީ ނަޞީރު ވިދާޅުވީ، ގޭގެއަށް ފެން ވަނުމުގެ ކުރިން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށާއި، އަދި ޚާއްޞަކޮށް ކަރަންޓުގެ އާލާތްތަކަށް ސަމާލުކަން ދިނުން މުޙިއްމު ކަމަށެވެ.

"ފެން ބޮޑު މި ވަނީ ކުއްލިއަކަށް ނޫން. މަގު ތަކުގަ ފެންބޮޑުވެގެން ގޭގެއަށް މި ވަންނަނީ. އެހެންކަމުން ކުރިއާލާ ގޭގޭގައި ވެލި ބަސްތާތައް ޖަހައިގެން ގޭގެ ދޮރު ކޮންމެވެސް ވަރަކަށް ބަންދު ކުރުމާއި، ތިރީގައި ބަހައްޓާފަ ހުންނަ ޕްރިޖް ފަދަ ތަކެތި ފެން ނުޖެހޭ ހިސާބަށް މައްޗަށް ހިއްލާލުމާއި، އަދި ގުގުރާ ބޯކޮށް ވާރޭ ވެހޭއިރު، ގޭގައި ގެންގުޅޭ ކަރަންޓު ސާމާނުތަކަށްވެސް ގެއްލުން ނުވާނެ ފަދަ ގޮތަކަށް އެތަކެތި އެއްކޮށް ނިންމާލާފަ ބެހެއްޓުމަކީ ވަރަށް މުޙިއްމު ކަމެއް ކަމަށް އަޅުގަނޑުމެން ދެކެން." ފަރީޝާ ވިދާޅުވިއެވެ.

މިރޭވެސް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ލަފާކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    މާމިގިލިއަށް ވެސް މިއަދު ފަތިހުން ފެށިގެން ހުއްޓާނުލާ އަދިވެސް ހަމަ ވާރޭ ވެހެނީ. މުޅި ރަށް އެކީ ފެންބޮޑު ވެއްޖެ..

  2. އެޖެންޑާ19

    މިސްރުކާރުން ތިޔަ މަނާއި މސު ކުރާނެ ކަމެއްނެތް. މ ހާރު ކަމެއް ނުވެ އުޅޭ އިރުވެސް ސަރުކާރުގެ ކެޕޭސިޓީ އިން ބޭރުން އޮޕަރޭޓްކުރަމުން ދަނީ. ހާދިސާ ތަކާއި ކާރިސާ ތަކަށް އެހީވުން އެކަހެރި ކޮށް އަސާސީ ހިދުމަތްތައް ވެސް ދެވޭ ވަރެއް ނޫން. ކަރަންޓެއް ނުދެވުނު، ފެނަށް ޖެހިފައި ބައެއް ރަށްރަށް، ހެލްތް ސެންޓަރުތައް ފާލުން ނެއްޓިފައި، މަދިރި ގިނަވަނީ ޑެންގޫ އާއި ޗިކަން ގުންޏާ އިތުރު ވެފައި. ޕާޓީ ވެސް މިހާރު ވެރިކަމާއި އެއްގޮތަށް އައި ސީ ޔޫ ގައި.