ރާއްޖެއަށް މިހާރުކުރާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އައްޑޫސިޓީގައި ފެންބޮޑުވެ ގިނަ ގެތަކަށް ފެންވަދެ، ދަނޑުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ހާމަކުރިގޮތުގައި އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، 24 ގެއަށް ފެންވަދެ، އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

އެންޑީއެމްއޭއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގައި ފެންބޮޑުުވެ، ހިތަދޫން 16 ގެއަކަށް ވެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި ހިތަދޫން ހަތް ގެއެއްގެ ދަނޑުބިންތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ.

މީދޫ ދާއިރާގެ ކައުންސިލް މެމްބަރު އައިމިނަތު ޞާލިހާ "ވަގުތު"އަށް މައުލޫމާތުދިން ގޮތުގައި މީދޫގެ ގިނަގެތަކުގެ އިތުރުން ސްކޫލުގައިވެސް ވަނީ ފެންބޮޑުވެފައެވެ. ސްކޫލުގެ ގޯތިތެރޭގައި ފެންބޮޑުވެ ކްލާސްރޫމަތަކަށް ފެންވަދެފައިވާ ކަމަށް ވަނީ މައުލޫމާތުދީފައެވެ. އަދި މީދޫގެ 10 ގެޔަކަށް ފެންވަދެ ހިފާ ގެންގުޅޭ އެއްޗެހި ވަނީ ހަލާކުވެފައެވެ.

އައްޑޫގެ ގިނަ އަދަދެއްގެ ގެތަކަށް ފެން ވަދެ، ފަރުނީޗަރަށާއި ހިފާ ގެންގުޅޭ ސާމާނަށް ވެސް ގެއްލުންވެފައިވާކަމުގެ ރިޕޯޓު ލިބޭކަމަށް ހިތަދޫ ރަސްގެދަރަ ދާއިރާގެ ކައުންސިލް މެންބަރު ހުސައިން ޒަރީރު ވަނީ ވިދާޅުވެފައެވެ.

"މި ވަގުތު ދަންނަވަން ދަތި ކިހާ އަދަދެއްގެ ގެއަކަށްކަން ފެން ވަދެގެން ރިޕޯޓު ކުރީ. ބައެއް ގޭގެ ހުންނާނެތާ ރިޕޯޓު ނުކޮށް ވެސް. އެކަމަކު ވަރަށް ގިނަ ގޭގެއިން އެބަ ރިޕޯޓު ކުރޭ. އެ މީހުނަށް ލިބުނު ގެއްލުމުގެ ތަފްސީލު އެނގޭނީ ތަފުސީލީ އެސެސްމަންޓެއް ހެދިގެން،" ޒަރީރު ވިދާޅުވިއެވެ.

ފެންބޮޑުވެފައިވާ ބައެއް މަގުތަކުގައި ކޯރު ކެނޑުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެރަށްތަކުގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް ޕަންޕުގެ އެހީގައި ސިފައިން އަންނަނީ ކުރަމުންނެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެފަހިފައިވަނީ ސ. ގަމަށެވެ. ގަމަށް 120.3 މިލީމީޓަރު ވާރޭ ވެހިފައިވާއިރު ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ސ. ހުޅުމީދުއަށެވެ. އެއީ 113.2 މިލިމީޓަރުގެ ވާރެއެވެ. ތިން ވަނައަށް އެންމެ ގެނައިން ވާރޭ ވެހިފައިވަނީ މާލެއަށެވެ. އެއީ 81.3 މިލިމީޓަރުގެ ވާރެއެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ހުކުރު އަދި ހޮނިހިރު ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. އެކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސް ވެސް ކޮށްފައެވެ.

މިގޮތުން ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ، ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސް ކުރެއެވެ. އެގޮތުން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުމަކީ ކުރެވިދާނެ ކަމެއް ކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.