ބޯކޮށް ވާރޭވެހި ވެނާލާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ފެންބޮޑުވެއްޖެއެވެ.

ފެންބޮޑުވެފައިވަނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ބައިނަލްއަގުވާމީ ދަތުރު ކުރާ ފަރާތްތަކުން ނިކުންނަ ދިމާލުގައެވެ.

ވެލާނާ އެއާޕޯޓުގައި ފެންބޮޑުވުމާއި ގުޅިގެން އެއާޕޯޓުގެ މަސައްކަތު މީހުން އަންނަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

ބޯކޮށް ވާރޭވެހި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފެންބޮޑުވެފައިވާއިރު، ހުޅުމާލެއަށް ކުރި ވިއްސާރާގައި ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. ފެންބޮޑުވުމާއި ގުޅިގެން ހޮސްޕިޓަލުގައި ބަލި މީހުން ބެލުން ވަގުތީ ގޮތުން ވަނީ މެދު ކަނޑާފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް މިރޭ 8:30 އިން ދަންވަރު 01:00 އަށް ރީނދޫ ސަމާލު ނެރެފައެވެ.

މެޓުގެ ރީނދޫ ސަމާލުގައި ބުނެފައިވަނީ އެވަގުތު ތަކުގައި ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.