މާދަމާ ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވާތީއާއި ގިނަ އަދަދެއްގެ ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ތޮއްޖެހުން ބޮޑުވާނެކަމަށް ބެލެވޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވީ މާދަމާ މެންދުރު 12:00 އިން ފެށިގެން 16:00 އާ ދެމެދު ވެލާނާ އެއާޕޯޓް ބާރުބޮޑު ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން، ދަތުރު ކުރުމުގައި ހުރިހާ ކަންކަން
އޮމާންކަމާއެކު ދާނެކަން ކަށަވަރު ކުރުމަށް، އެއާޕޯޓުން ހިދުމަތް ހޯދާ ފަރާތްތަކުން ވަގުތު އޮއްވައި ފުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ފުލުހުން ވަނީ އަންގާފައެވެ.

އަދި އެއާޕޯޓުގައި އޮމާންކަމާއެކު ޓްރެފިކް ފްލޯ ކުރިއަށްދާނެކަން ކަށަވަރުކުރުމަށްޓަކައި އިތުރު ފުލުހުން ހިދުމަތުގައި އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވަނީ އެއާޕޯޓަށްދާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އެދިފައެވެ.