ޔޫތް ލީޑާރސް ފޯރަމް މާދަމާ ރޭ ހުރަވީ ސްކޫލްގައި ފެށުމަށް ނިންމައިފިއެވެ.

ޔޫތް ލީޑާރސް ނެޓްވޯކުގެ މިއަހަރުގެ ދެވަނަ ޔޫތް ލީޑާރސް ފޯރަމްގައި ޔުނިވާސިޓީ އަދި ކޮލެޖް ތަކުން 150 ދަރިވަރުން ބައިވެރިވާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ. މި ފޯރަމްގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ.

ހުޅުމާލެ ހުރަވީ ސްކޫލްގައި މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއް ވާނީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

މި ފޯރަމް އަމާޒުކޮށްފައިވަނީ "ތަހައްމަލުކުރުމުގެ ޘަޤާފަތް – މުޖުތަމަޢުގެެ ހަމަޖެހުން" މިޝިޢާރުގެ މައްޗަށެވެ. ޝިއާރާ ގުޅުންހުރި ތަފާތު ހަ ދާއިރާއަކުން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން މައުލޫމާތު ޙިއްޞާކޮށް، މަޝްވަރާކުރަންވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ފުރަތަމަ ފޯރަމް ފެބްރުއަރީ މަހު ހޯރަފުށީގައި ބޭއްވިއިރު، މި ނެޓްވޯކުން ވަނީ މިހާތަނަށް އައްޑު އަތޮޅާއި، ފުވައްމުލަކާއި، ހދ.ކުޅުދުއްފުއްޓާއި، ލ.ގަމާއި، ދ.ކުޑަހުވަދޫއާއި، ގއ.ވިލިނގިލީގެ އިތުރުން ހޯރަފުށީގައި ވެސް ފޯރަމް ކުރިއަށްގެންގޮސްފައެވެ.