މިއަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ރެޑްވޭވް ގެ ފަރާތުން ކުރިއަށް ގެންދިޔަ "ރެޑްވޭވް ރޯދަ ސޭލް" އެއްލައްކަ ރުފިޔާގެ ނަޞީބު ވެރިއަކަށް، ށ.ފޯކައިދޫ އަށް އުފަން، މުޙައްމަދު ޝިޔާމް ހޮވިއްޖެ އެވެ.

މި ޕްރޮމޯޝަނަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރޯދަ މަސް ނިމެންދެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

ރެޑްވޭވް ރޯދަ ސޭލް ޕްރޮމޯޝަންގެ ތެރެއިން ޖުމްލަ 26 ނަޞީބު ވެރިއަކު ވަނީ ހޮވާފައެވެ. އޭގެ ތެރެއިން 25 ފަރާތަކަށް އެކި އެކި އަގުތަކުގެ އިނާމު ލިބިފައިވާ އިރު، އެއްވަނަ އަށް ހޮވިފައިވާ ފަރާތަށް، 11000 ރުފިޔާގެ ސޯފާ ސެޓެއް، ދެވަނަ އަށް ހޮވުނު ފަރާތަށް، 8500 ރުފިޔާގެ ސޯފާ ސެޓެއް، ތިން ވަނައަށް ހިވުނު ފަރާތަށް، 6000 ރުފިޔާގެ ސޯފާ ސެޓެއް ވަނީ ލިބިގެން ގޮސްފައެވެ.

އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބުނު، މުޙައްމަދު ޝިޔާމް "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނީ، ނަޞީބު ވެރިއެއް ގޮތަށް ހޮވުމުން އެކަމާއި ވަރަށް އުފާވާ ކަމަށާއި، މިފަދަ ފުރުޞަތެއް ހުޅުވާލި ކަމަށްޓަކައި ރެޑްވޭވަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"އަޅުގަނޑު ކުރީ 2700 ރުފިޔާގެ ވިޔަފާރި އެއް، ވަރަށް އުފާވެއްޖެ މިވަރުގެ ބޮޑު އިނާމެއްގެ ހައްޤު ވެރިއަކަށް ވީތީ. މިފަދަ ފުރުޞަތުތައް ހުޅުވާލައްވާ ކަމަށްޓަކައި ރެޑްވޭވަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ޝިޔާމު ބުންޏެވެ.

މި ޕްރޮމޯޝަނާއި ގުޅިގެން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ރެޑްވޭވްގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޝުޖާޢު ވިދާޅުވީ، އެހެން އަހަރު ތަކަކަށްވުރެ ގިނައިން ކަސްޓަމަރުންގެ ތަރުޙީބު މިއަހަރު ލިބިގެން ދިޔަ ކަމަށާއި، އެގޮތުން އެއްލައްކަ އަށްވުރެ ގިނަ ކޫޕަން ލިބިފައިވާ ކަމަށެވެ.

"މިއަހަރުވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް، އަޅުގަނޑުމެންގެ ހުރިހާ އައުޓްލެޓް ތަކެެއްގައި ކުރިއަށް މި ގެންދިޔައީ. އެހެން އަހަރު ތަކަކަށްވުރެ ގިނައިން ކަސްޓަމަރުންގެ ތަރުޙީބު އަޅުގަނޑުމެންނަށް ލިބިގެން ދިޔަ. އަޅުގަނޑުމެންގެ ޕްރޮޑަކްޓްސް ތައް ވެސް އެހެން އަހަރުތަކަށްވުރެ ގިނަ ކޮށްލާފަ ހުންނާނީ މިފަހަރު. އެއްލައްކަ އަށްވުރެ ގިނަ ކޫޕަން އަޅުގަނޑުމެންނަށް ލިބުނު." ޝުޖާޢު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާޢު ވިދާޅުވީ، އިމާނުތައް ދިނުމުގައި ބަލާފައި ވާނީ، ސޭލްގެ ތެރެއިން އެންމެ ގިނައިން ވިކިފަ ހުރި އެއްޗެއްސަށް ކަމަށާއި، ބޮޑެތި އިނާމު ތަކުގެ ތެރޭގައި ސޯފާ ސެޓް ކަހަލަ އެއްޗެހި ހިމެނޭނެ ކަމަށެވެ.

"އަޅުގަނޑުމެން އިމާނުތައް ދިނުމުގައި ބަލާފައި ވާނީ، ސޭލްގެ ތެރެއިން އެންމެ ގިނައިން ވިކިފަ ހުރި އެއްޗެއްސަށް. ދެން ކަސްޓަމަރުންނަށް ބޮޑަށް ކަމުދާނެ އެއްޗެއްސަށް އަޅުގަނޑުމެން ބަލާފަ ހުންނާނީ. އަދި ޚާއްޞަކޮށް ރޯދަ އާއި ވަރަށް ގުޅޭ އެއްޗެއްސަށް އަޅުގަނޑުމެން ބަލާފަ ހުންނާނީ. އޭގެ އިތުރަށް ބޮޑެތި އިނާމު ތަކުގެ ތެރޭގައި ސޯފާ ސެޓް ކަހަލަ ބޮޑެތި އިނާމުތައް ހުންނާނީ." ޝުޖާޢު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާޢު ވިދާޅުވީ، ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ލޯޔަލްޓީ ކާޑްސް ތަކެއް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި، އޭގެ ޒަރީއާއިން އެ ފަރާތްތަކަށް ވަރަށް ޚާއްޞަ ޑިސްކައުންޓް ތަކެއް ލިބޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން އަޅުގަނޑުމެން ހަދާނަން ލޯޔަލްޓީ ކާޑްސް ތަކެއް، އެއީ އަޅުގަނޑުމެންގެ އައުޓްލެޓްތަކުން ޤަވާއިދުން ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ތަޢާރަފްކުރާ ކާޑެއް، އޭގެ ޒަރީއާއިން އެ ފަރާތްތަކަށް ވަރަށް ޚާއްޞަ ޑިސްކައުންޓް ތަކެއް ލިބޭނެ. ދެން ސީއެސްއާރު ހިމެނޭ ކަންކަން އަޅުގަނޑުމެން ކުރިއަށްގެންދާނަން. އޭގެ ފައިދާ އިރާދަކުރެއްވިއްޔާ ފެންނާނެ." ޝުޖާޢު ވިދާޅުވިއެވެ.

ރެޑްވޭވަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ، އަދި ގިނަ ކަސްޓަމަރުންގެ މަޤުބޫލުކަން ހޯދާފައިވާ ކާމިޔާބު ކުންފުންޏެކެވެ.