މާފުށީ ޖަލުގައި ތިބި ގައިދީން ތަކަކަށް، މިމަހު 20 ވަނަ ދުވަހު ވަރަށް ބޮޑަށް އަނިޔާކޮށް، އެމީހުންގެ ޖިންސީ ގުނަވަނަށް މިރުސް ދުން ޖަހާފައިވާތީ އެކަން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން، ޕީއެންސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މާފުށީ ޖަލުގައި ތިބި ގައިދީންގެ ގައިގައި މުގުރުން ތަޅާ ބޯބާލައި ޖިންސީ ގުނަވަނަށް މިރުސް ދުން ޖެހުން ފަދަ ޢަމަލުތައް ހިންގާފައިވާ ކަމަށެވެ.

މި ފަދަ އަމަލުތަކަކީ ގާނޫނު އަސާސީން ގައިދީންނަށް ލިބިފައިވާ ހައްގުތަށް ނިގުޅައިގަތުމާއި، ޕެރޯލްގެ ޤާނޫނާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާއި ޚިލާފަށް ހިންގާފައިވާ ލާއިންސާނީ، އަނިޔާވެރި އަމަލެއްކަމަށް ވާތީ، މި ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބަޔާނުގައިވެއެވެ.

"މިއީ ބަލައިގަނެވޭނެ ކަމެއް ނޫން މި ސަރުކާރަކީ އަނިޔާ ނުދޭނެކަމަށް ބުނެ އައި ސަރުކާރެއް, މި ސަރުކާރުގެ ލާއިންސާނީ އަނިޔާތައް ފޮރުވާ އޮއްބާލުމަށް މަސައްކަތް ކުރާކަން ވަނީ މި ޕާޓީއަށް ފާހަގަ ކުރެވިފައި" ޕީއެންސީގެ ބަޔާނުގައިވެއެވެ.

މި ވޭތުވެދިޔަ 7 މަސް ދުވަސް ތެރޭ ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށާއި، ގައިދީނަށް އަނިޔާ ކުރި ފަރާތްތަކާއި ދެކޮޅަށް ތަހުގީގެއް ހިންގައި އެ މީހުންނަށް ހައްގު އަދަބު ދިނުމަށް ޕީއެންސީ އިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވައިލާފައެވެ.

މާފުށީ ޖަލުގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ހަޤީޤަތް އޮޅުވާލާފައިވާކަން ދޭހަވާ ވީޑިއޯއެއް މީސްމީޑިއާގައި ދައުރު ވަމުންދާއިރު، ކަރެކްޝަންސް އިން ބައެއް ކަންކަން ސިއްރު ކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިކަމާއި ގުޅިގެން ކަރެކްޝަނަލް ސާވިސްއާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ.

މާފުށި ޖަލުގައި ހިންގި ހަމަނުޖެހުމުގެ ތެރޭގައި ޖަލުގެ އޮފިސަރަކަށް ހަމަލާ ދިނުމުން ބައެއް ގައިދީންގެ ކުރިމަތި ފަރާތަށާއި، ފުރަގަސް ފަރާތަށް ޖަލުގެ އޮފިސަރުން ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން ބައެއް ގައިދީން ގޮޅިތަކުން ނެރެ ދެގަޑިއިރު ވަންދެން އެމީހުންގެ ގައިގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށާއި، އޭގެތެރެއިން ބައެއް މީހުންގެ ބޯ ބާލާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. މިއީ ފަހުގެ ތާރީޚެއްގައިވެސް ޖަލުގައި މިފަދަ ބޮޑު ހަމަނުޖެހުމެއް ހިނގައިދިޔަ ފުރަތަމަ ފަހަރެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    މަޑުކަށި އިބާރާތުން ކުއްވެރި ކުރިޔަސް، ތީ ހަމަ ސިޔާސީ ބޭނުމަކު ކުރިކަމެއް ހެން ހީވޭ. އިދިކޮޅުން ރާވައިގެން ކުރިކަމެއް ތީ.