ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭ.އެސް.ސީގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑީ.ޖޭ.އޭ ގެންދާތީ އެކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ފާޑު ވިދާޅުވެއްޖެއެވެ.

ޖަމީލު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ ޖޭ.އެސް.ސީގެ ދަށަށް ޑީ.ޖޭ.އޭ ގެންދިޔުމަކީ މުޅި ޝަރުއީ ނިޒާމު ސިޔާސީ ކޮށްލުމުގެ ފަހު ފިޔަވަޅު ކަމަށާއި އެކަމުގެ ސަބަބުން ޑީ.ޖޭ.އޭގެ މުސްތަޤިއްލުކަން ގެއްލި ޖުޑިޝަރީ އިސްލާހު ކުރަން ކުރާ މަސައްކަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

އަދި ޑީ.ޖޭ.އޭ ޖޭ.އެސް.ސީގެ ދަށަށް ގެންދިޔުމަށް ވުރެ މާ މުހިއްމު ކަންކަން ކުރަން އެބަހުރި ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

އެގޮތުން ޖޭ.އެސް.ސީ އެކުލެވިގެންވާ ގޮތް ރިވިއުކުރުން ފަދަ ކަންކަން ޖަމީލު ވަނީ ފާހަގަކުރައްވާފައެވެ.

ޑީ.ޖޭ.އޭ މިހާރު ހިންގަމުން އަންނަނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. ޑީ.ޖޭ.އޭ ޖޭ.އެސް.ސީގެ ދަށަށް ބަދަލުކުރަން ޖޭ.އެސް.ސީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ސިރާޖު ވަނީ ޖޭ.އެސް.ސީގެ މެމްބަރު ކަމަށް ކުރިމަތިލެވޭ އުމުރު 40 އަހަރަށް މަތި ކުރުމަށާއި ޖޭ.އެސް.ސީގެ މެމްބަރުން ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތް ހެދުމަށް ވެސް ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗާލު

    ޑީޖޭއޭ ރައްޔިތުންގެ މަޖްލިހުގެ ދަށަށް ގެންދިއުމުގެ ހުރިހާ ކަމެއް ފުރިހަމަވީއެވެ. ޖޭއެސްސީ އޮތީ މަޖްލިހުގެ ދަށުވެ ފިތިފައެވެ. ވެރިކަންކުރާ ބާރުވެސް މިހާރު އޮތީ މަޖްލިހުގެ ދަށުގައެވެ. ނަޝީދު ބުނި ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ ވެރިކަން ދެމި އޮންނާނަީވެސް ރައްޔިތުންގެ އަތުގައޭ. އެއީ އޭގެ އަސްލު މާނައަކީ. ރައްޔިތުންނަށް ވާނުވާ ސާފުވާއިރު އޮންނާނީ ނުފޯރާފޮތިން ފޫގެޅީމާ ފެންނައެތި ފެނި ނިމިފައެވެ. މަޖްލިހުގައި ތިބި އެމްޑީޕީގެ ފުންނާބު އުސް ކަމުން ނުހިނގިގެން އުޅޭ ވަކީލުންނަށް ވަރަށް ވެދުން.

    9
    1