އިންޑިއާގެ އަސްކަރިއްޔާގެ ދަޢުވަތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރ ޝްރީ ރަޖްނަތު ސިންގްހާއި ބައްދަލުކުރައްވައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އިއްޔެ ބޭއްވެވި މި ބައްދަލުކުރެއްވެވުމުގައި ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ތަރައްޤީކޮށް ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ފުޅާ ދާއިރާއެއްގައި ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ، އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ކުރައްވާ 5 ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ނޭޝަނަލް ޑިފެންސް ކޮލެޖް (އެންޑީއައި) އާއި، އިންޑިއާގެ އިންސްޓިޓިއުޓް ފޮރ ޑިފެންސް ސްޓަޑީޒް އެންޑް އެނަލިސިސް (އައިޑީއެސްއޭ) އަށް ޒިޔާރަތްކުރައްވައި، ލެކްޗަރއެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް، އިންޑިއާގެ ޑިފެންސް މިނިސްޓަރާއެކު ބޭއްވެވި މި ބައްދަލުކުރެއްވެވުމުގައި އެމަނިކުފާނުގެ އަރިހުގައި އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ސަފީޤު ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.