ޖުލައި މަހުގެ 06 ވަނަ ދުވަހުން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން 881 ވެހިކަލެއްގައި ސްޓިކާ ޖަހައިގެން ހަލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައުލަތައް އާމްދަނީގެ ގޮތުގައި ހޯދައި ދީފިއެވެ.

ޕާކިންގ ވަޔަލޭޝަނސް ސްޓިކާ ޖެހުމުން، ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރު ނަމަ ދައްކަން ޖެހެނީ 250 ރުފިޔާއެވެ. ދެވަނަ ފަހަރު ނަމަ 500 ދައްކަން ޖެހޭއިރު، ތިން ވަނަ ފަހަރު ނަމަ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ.

ފުލުހުން ސްޓިކާ ޖެހި ވެހިކަލްގެ އަދަދާއި، ކޮންމެ ސްޓިކާއެއްގެ ޖޫރިމަނާ އަކީ 750 ރުފިޔާ ކަމަށް ބަލައިގެން ހިސާބު ހަދައިފިނަމަ ސްޓިކާ ޖަހައިގެން ފުލުހުން ހޯދި ފައިސާގެ އަދަދު 660750 ރުފިޔާ އަށް އަރައެވެ.

މިދިޔަ ހަފްތާގައި ފުލުހުން 88 އަށް ވެހިކަލް ޓޯވ ވެސް ކޮށްފައިވެއެވެ.

މިދިޔަ ހަފްތާގައި ފުލުހުން 881 ވެހިކަލްގައި ސްޓިކާ ޖަހާފައި ވާއިރު އޭގެ ކުރީ ހަފްތާގައި 865 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވެއެވެ.

ސްޓިކާ ޖެހުން ހުއްޓާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދެކެވެ. ވެރިކަމާއި ރައީސް ޞާލިހް ހަވާލުވި ފުރަތަމަ ދުވަސްކޮޅުގައި ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް، ސްޓިކާ ޖެހުން ހުއްޓާލިތާ މަހެއްހާ ދުވަސް ފަހުން ފުލުހުން ވަނީ އަލުން ސްޓިކާ ޖަހަން ފަށާފައެވެ.

ޖުލައި މަހު ކުރީކޮޅު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިހް ވިދާޅުވީ މި ސަރުކާރު އައި ފަހުން ޕާކް ކުރުމަށް "ގިނަ ތަންތަން ދެވިއްޖެ" ކަމަށެވެ. "ސްޓިކާރ ތިޔަޖަހާ މައްސަލަ އަޅުގަނޑު ސީރިއަސްކޮށް ބަލާނަން އިނގޭތޯ" ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހް ވިދާޅުވިއެވެ.

މިސަރުކާރު އައި ފަހުން ޕާކް ކުރުމަށް ގިނަ ތަންތަން ދެވިއްޖެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް މިސަރުކާރު އައި ފަހުން މަސައްކަތް ނިންމާ، ހުޅުވާފައި ވަނީ އެންމެ ދެ ޕާކިން ޒޯނެވެ.

ޕާކް ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ޖެހުމަކީ އާއްމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ސަރުކާރަށް އަށް މަސް ދުވަސް ވެގެން ދިޔައިރު ވެސް ޕާކިންގެ މައްސަލަ ހައްލު ކުރުމަށް މާބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ގަމާރު

    ފުލުސްއޮފީހުގެ ހުރިހާ މުއައްޒަފުން ނައް މުސާރަދެވޭ ވަރައް ދައުލަތައް ލާރިތިވައްދަނީ ކިހާރަގަޅު

    14
    3
  2. ލޮލް

    ފުލުހުން މައްސަލައެއް ނެތްދޯ ކިތަންމެ ކުށެއް ކުރިޔަސް. ފުރަތަމަ ތި ފުލުހުން ދުއްވާ ސައިކަލު ތަކާއި ކާރު ތައް ބަލާލީމަ އިނގޭނީ. އަސްލުގަ މަޖިލީހުން ވީ ރައްޔިތު މީހާ ބަލަން ބޭނުން ވެއްޖިއްޔާ ފުލުހުންގެ ވެހިކަލް ދައްކަން ޖެހޭ ކަހަލަ ބިލެއް. ފުލުހުންނަކީ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބެން ޖެހޭ ބައެއް. ރައްޔިތުންނަށް ބިރު ދައްކައި އަދަބު ދޭން ނުވަތަ ގޭންގް ހެދެން ލާފަ ތިބި ބައެއްނޫން

    3
    6
  3. ކޮރަލް

    މިހާރު ނޫހުގަ މިކަހަލަ ވާހަކަ އެއް ނެތެވެ.

  4. ފަރޭ

    ފުލުހުން ސްޓިކާ ޖެހީ. ލާރި ވަނީ މީރާ އަށް. ލާރި ލިބުނީ ފުލުސް އޮފީހަކައް ނޫން. ހެޑިން ލިޔާިއރު މިކަހަލަ ކަންކަމަށް ބަލާލުން މުހިންމު

  5. ފަހުދާ

    އަސްލު ދިވެހިން ކައްނެތީ! ފެގެއް ގައްނަން ފިހާރަ އަށް މި ވައްނަނީ ފިހާރައިގެ ދޮރުމަތީ ސައިކު ބަހައްޓާފަ..މިއީ ނާތަހުޒީބު ކަން އެގޭތޯ.....ސުޓިކާ ނުޖަހާނެ އެއް ވެސް ގޮތެއް ނެތީމަ މި ޖަހަނީ.

  6. އޖޑ 19

    ސަރުކާރު ބަޖެޓަށް ލޯޑު ކުޑަކުރަން... ރަނގަޅު

  7. މޯހަން

    މި ސަރުކާރުން އިސްޓިކާއެއް ނުޖަހާނެ ؟؟ތީ އޮޅުމެއް /////

  8. މަރިޔާދު

    މީރާއައްވަންނަ ލާރި އެއީ ދައުލަތައްވަންނަ ލާރިބާ ފަރޭ

  9. ހެހެހެ

    ކޮމެންޓް ފުނުވީމަ ކޮމެންޓް އަޕް ކޮށް ނުލެވެ. ޖިމާއު އެބަސް އިނީމަ. އެކަމަކު ތި ބޭފުލުން ގޮވާ އައުގުރާނަ އޯކޭ ތޯ؟

    2
    1
  10. އަލްފާ ސިއެރާ

    ސްޓިކަރ ޖަހައިގެން ލައްކައިން ފައިސާ ހޯދުންތޯ ނުވަތަ ރައްޔަތުން ހޭލުން ތެރި ޕްރޮގުރާމުގެ އެހީގައި ކުށުން ދުރުވެ އުޅޭ މުޖުތަމައެއް ބިނާ ކުރުން މާ ރަނގަޅު.

  11. ފަރޭ

    މަރިޔާދު ބުރޯ މަ ލާރި ދައްކަން ދަނީ މީރާއަށް. ފުލުސް އޮފީ ހަކަށް ނޫން. އެތަނައް ލާރި ދެއްކުމައްފަހު ދެން އެދަނީ ކޮންތާކައްތޯ ނުބަލަން. ކާކުގެ ޖީބައްތޯ ނުބަލަން. ފުލުސް އޮފީހައް ދިޔައީމަ ދެނީ ސްލިޕް ކޮޅެ ލައިސަންސް ހިފަހައްޓަފަ.

  12. ކަރަޕްޝަން

    ސްޓިކާ ޖަހައިގެން ފުލުހުން މުއްސަނދި ވެއްޖެ.

  13. ޢަދުރޭ

    ޢަޅެ ދޮގެއްތަ މިބުނީ. ފުޅިބޯ މެންނަކަށް ނޭގޭނު ރާއްޖޭން ބޭރުން ރާއްޖެއަށް ފައިސާ ވައްދާކަށް ހިކިކެޔޮދަޅިން ދިޔަފެލަނީނުމި . ޢަދިވެސް އަނގަ ހާވައިގެން ތިބެންވީތަ ؟

  14. އަދާލަތު

    ފުލުހުންނަށް ތަންފީޛުކުރަން ޙަވާލުކުރި ޤާނޫނެއް، ފުލުހުން ތަންފީޛު ކުރައްވާނެ. އެއީ ފުލުހުންނަށް ފައިސާހޯދަން ކުރާކަމެއްނޫން. ޤާނޫނު ތަންފީޛު ކުރުމަށް، ފުލުހުންނަށް މަތިކުރެއްވި ފަރާތަކުން، ހުއްޓާލުމަށް އަންގަވަންދެން އެކަމެއް ފުލުހުން ކުރައްވާނެ. ކޮންމެ ކަމެއް ސިޔާސީ ކަމެއް، ނުވަތަ އަމިއްލަ މަންފަޢަ ހޯދުމަށް ކުރާކަމެއްގެ ގޮތުގައި ހެއްދެވުމުގެ ރޫޙު ރައްޔިތުން ނުގެންގުޅުއްވުމަށް އިލްތިމާސްކުރަން. ފުރަތަމަ ވިސްނަވަންވީ، ޕާރކް ކުރައްވާއިރު، މަގުގެ ބޭނުންކުރަންޖެހޭ، އެހެން ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް ކުރެވޭތޯ؟ އެހެންފަރާތްތަކަށް އިނގިލި ދިއްކުރުމުގެ ކުރިން ފުރަތަމަ އިޞްލާޙު ކުރަންވީ އަމިއްލަ ނަފުސު.