ރިސާޗް ދާއިރާއަށް ހާއްސަ އިންޓަނޭޝަނަލް ޖާނަލް އޮފް ސޯޝަލް ރިސާޗް އެންޑް އިންވޭޝަންގެ ވޮލިޔުމް ތިނަކާއި، ކޮލިޓޭޓިވް ރިސާޗްގެ އަތްމަތީ ފޮތް ނެރެފިއެވެ.

ވިލާ ކޮލެޖުގެ އައިކިޔު ކެމްޕަހުގައި ކުރިއަށްދާ ވިލާ ކޮލެޖުގެ ބައިނަަލްއަގްވާމީ ރިސާޗް ކޮންފަރެންސްގައި މިދެފޮތް ނެރެދެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރެވެ.

އިނގިރޭސި ބަހުން ލިޔެފައިވާ އިންޓަނޭޝަނަލް ޖާނަލް އޮފް ސޯޝަލް ރިސާޗް އެންޑް އިންވޭޝަނަކީ އަހަރަކު އެއްފަހަރު ވިލާ ކޮލެޖުން ނެރޭ ފޮތެކެވެ.

ހިސްޓޯރިކަލް އެނަލައިސިސް، ތިއޮރޮޓިކަލް އެކްސްޕްލެނޭޝަންސް އަދި އެކި މަޝްވަރާތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ މިފޮތުގައި ހިމަނާފައިވަނީ ސޯޝަލް ސައިންސްގެ ދާއިރާތަކާ ބެހޭ ލިޔުންތަކެވެ.

މި ލިޔުންތަކުގައި ސޯޝަލް ސައިންސްގެ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދޭނެ ބައެއް ގޮތްތައްވެސް ވަނީ ހިމަނާފައެވެ. މި ފޮތުގެ ހާޑު ކޮޕީ އަދި ސޮފްޓް ކޮޕީވެސް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ދިވެހި ބަހުން ލިޔެފައިވާ ކޮލިޓޭޓިވް ރިސާޗް ހޭންޑްބުކް ފޮތަކީ ވިލާ ކޮލެޖުގެ ޑީން އޮފް އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިންވޭޝަން ޑރ. އަހްމަދު ޝާހިދު ލިޔުއްވާފައިވާ ފޮތެކެވެ.