ހުޅުމާލާގައި ހިންގަމުން އަންނަ ޓްރީޓޮޕް ހޮޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް މާލެއިން ހުޅުމާލެ އަށް ހިލޭ ދަތުރު ކުރެވޭނެ މަގު ހަމަޖައްސަ ދެއްވައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދޭން ފަށާ މި ހިދުމަތުގައި މާލެއިން ޓްރީޓޮޕް ހޮސްޕިޓަލަށް ދާ ބަލިމީހާ އަށާއި އެހީތެރިއަކަށް ހިލޭ ދަތުރު ކުރެވޭނެއެވެ.

ޓްރީޓޮޕުން އެ ހިދުމަތް ފަށައިގަންނަ ހިސާބުން ފެށިގެން ހޮސްޕިޓަލަށް މާލެއިން އަންނަން ބޭނުންވާ ފަރާތްތަކަށް ވަރަށް ލުއިވެގެންދާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ ކާރުގަޔާއި ބަހުން ދަތުރުކުރާ ފަރާތް ތަކަށް ދެން އެފަދަ ހަރަދެއް އަތުން ނުދާނެ ކަމަށެވެ.

ޓްރީޓޮޕުން ދޭން ހަމަޖެހިފައިވާ ގެސްޓް ޓްރާންސްފާގެ ހިދުމަތް ހޯދުމަށް ޖާގަ ބުކް ކުރުމުގެ ފުރުސަތު ބަލިމީހާގެ އެޕޮއިންޓްމަންޓް ހަމަޖެހުމާ އެކު ލިބޭނެއެވެ. ބުކް ކުރެވިފައިވާ ކަމުގެ ކޮންފަމޭޝަން ކޯޑު ޑްރައިވަރަށް ދައްކާލުމުން ބަލިމީހާ އަށާއި އެހީތެރިއަކަށް ދަތުރުގެ ހިދުމަތް ލިބިގެންދާނެއެވެ.

މި ހިދުމަތަށް ޓްރާންސްޕޯޓް ހަމަޖެހިފައި ވަނީ މާލޭ ޓޯޔާޑު ކައިރިންނެވެ. މި ހިދުމަތް ހޯދާ ފަރާތްތަކަށް މާލެ ގެންގޮސްދިނުން ވެސް ވަނީ ހަމަޖެހިފައެވެ.

ހިދުމަތްދޭން ފަށާ ގަޑި އަކީ ހެނދުނު 8:30 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ.