ހުޅުމާލޭގައި ހުންނަ ޓްރީޓޮޕްގެ ހޮސްޕިޓަލްގެ ކްލިނިކެއް މާލޭގައި ހުޅުވަން ނިންމައިފި އެވެ.

އެ ކްލިނިކް ހުންނަނީ ބުރުޒުމަގުގަ އެވެ.

ޓްރީ ޓޮޕްގެ މެނޭޖަރު އާދިލް މޫސާ "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކްލިނިކް ވަރަށް އަވަހަށް ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ކުރަމުން ދަނީ އިދާރީ ބައެއް ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭގެ ކްލިނިކްގައި ދޭނީ ފިޒިއޮތެރަޕީ އާއި ލޭގެ ސުންކުތައް ނެގުމުގެ ހިދުމަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު މާލޭގައި އުޅޭ މީހުންނަށް ވަރަށް އުނދަގޫ އެކި ކަހަލަ ތަދުތައް ހުންނަ މީހުން ޓްރީޓޮޕްއަށް ދައްކާފައި އަނެއްކާ ފިޒިއޮތެރަޕީ ހަދަން މާލެ ދާން. އެހެން ނަމަވެސް ދެން ފަސޭހަ ވާނެ." އާދިލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މާލޭގެ ފިޒިއޮތެރަޕީ ސެންޓަރެއްގެ ކެޕޭސިޓީއާއި ހިދުމަތް ޓްރީޓޮޕްގެ ކްލިނިކްގައި ހުންނާނެ ކަމަށެވެ.

ޒަމާނީ ހިދުމަތްތައް ދިނުމަށް ރާއްޖޭގައި ހެދި ޕްރައިވެޓް އެންމެ ބޮޑު ހޮސްޕިޓަލް ހުޅުވީ 2018 ވަނަ އަހަރުގެ މާޗު މަހު އެވެ. އެ ހޮސްޕިޓަލުން އާސަންދައިން ވެސް ވަކި ވަރަަކަށް ކަވަރުކޮށްދެ އެވެ.

ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާއި އެކު ހުޅުވި އެ ހޮސްޕިޓަލަކީ ރާއްޖޭގެ ބޮޑެތި މަހުޖަނުން ހިއްސާވެގެން ހުޅުވި ހޮސްޕިޓަލެކެވެ.

ޓްރީޓޮޕުން މާލޭގައި ކްލިނިކެއް ހުޅުވި އިރު ހުޅުމާލެ ހޮސްޕިޓަލުން ވަނީ ހިޔާ ފްލެޓްގައި ވެސް ކްލިނިކެއް ހުޅުވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމީމާ ޗައްޕާ

    ތިހެން ކުލިނިކެއް ހުޅުވި ޗައްޕާ ސެންޓުރަލް ހޮޓަލުގައި ވެސް މިހާރު އެތަން ވީތަނެއްވެސް ނޭގޭ ތިގޮތަށް ވަރަށް ގިނަތަންތަން ހުޅުވިދާނެ ނަމެއްގާ