ނޭޝަނަލް ޝޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

އެންސްޕާ މިހާރު ބަލަހައްޓަމުން އަންނަނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރުގެ މެންބަރު އަހްމަދު ހާރޫނެވެ.

އެންސްޕާގެ ކަންކަން، ސިއްހަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ހެލްތް މިނިްސްޓްރީއާ ހަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، އެންސްޕާ އިޖްތިމާއީ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ޖެންޑާ މިނިސްޓްރީގެ ދަށަށް އެންސްޕާ ބަދަލު ކުރުން އޭނާ އިސްލާހު ހުށަހެޅުއްވި މަގްސަދުގައި ބުނެފައިވެއެވެ.
އެގޮތުން އޭނާ ވަނީ އެ ގާނޫނުގެ 42 މާއްދާގެ (ހ) ގައި ހިމެނޭ "މިނިސްޓަރު" މި ލަފްޒު އިޖްތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސައުކާރުގެ ވުޒާރާގެ ވަޒީރު ކަމަށެވެ.
ހާރޫން ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ މި އިސްލާހަށް އަމަލު ކުރަން ފަށާނީ އިސްލާހު ފާސްވެ، ތަސްދީގްކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށެވެ.
މި އިސްލާޙުގެ ފުރަތަމަ ކިޔުން އިއްވުން މިއަދުގެ ޖަލްސާގެ އެޖެންޑާ އަށް ވަނީ ތާވަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢައިސަތު

  ޖެންޑަރ އާ ޙަވާލުކުރީމާ ވާނީ ކިހިނެއް
  މިހާރުވެސް ބޮއްސުން ލާފަ އޮތްތަނެއް

 2. Anonymous

  ޖެންޑާއަކީ ފިސާރި ދޯދިޔާކޮށް ހިންގާ ތަނެއް.

 3. ޢަބްދުއްލާ

  އެންސްޕާ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ގާނޫނު އިސްލާހު ކުރަނީ

  އެއްތައްޓެއްގަ މޮޑެލަނީ ކާލަން ފަސޭހަކޮއްލަންދޯ ؟

 4. ހެޔޮބަސް

  މި އިސް ލާޙާއެކު
  ވުޒާރާގެ ހިންގުމަށް
  އެހެން
  ވަޒީރެއް
  އިސްކުރުމަށް
  ގޮވާލަން.