ރާއްޖެއަށް އެތެރެވާ އަދި ބޭރުވުމަށް ބޭނުން ކުރާ ދޮރާށިތަކަކީ ސަލާމަތީގޮތުން ރައްކާތެރި ތަންތަނަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑޮކިއުމަންޓް އެގްޒެމިނޭޝަން ލެބެއް ގާއިމު ކޮށްފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމު ކޮށްފައިވާ ލެބް އިފްތިތާހު ކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިގެވެ.

މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަނާއި، އެ މުއައްސަސާގެ ބައެއް އިސްވެރިންގެ އިތުރުން އައްޑޫގެ އެންފޯސްމެންޓް އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޑޮކިއުމަންޓް އެގްޒެމިނޭޝަން ލެބެއް ހުޅުވުމުގެ ބޭނުމަކީ ޕާސްޕޯޓްފަދަ ޝަހުސު އަންގައިދޭ އަދި ސަލާމަތީ ރައްކާތެރިކަމާއި ގުޅުންހުރި ލިޔުންތައް ތަހުލީލުކުރުމެވެ. އަދި އެތަކެތި ބޭނުން ކުރަނީ ސައްޙަ ގޮތުގައިތޯ ޔަގީން ކުރުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ކުރުމެވެ.

ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި މިއަދު ގާއިމު ކުރެވިގެންދިޔަ ޑޮކިއުމަންޓް އެގްޒެމިނޭޝަން ލެބަކީ އެ އެއާޕޯޓުން އެތެރެވާ އަދި ބޭރުވާ ފަރާތްތަކުގެ ތެރެއިން ސައްޙަނޫން ޕާސްޕޯޓް ބޭނުންކުރާ ފަރާތްތައް ފަސޭހައިން ދެނެގަތުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

ގަން އެއާޕޯޓުގައި މިއަދު ގާއިމުކުރެވިގެން ދިޔަ މި ލެބަކީ ރާއްޖޭގައި ގާއިމުކުރާ މިފަދަ ދެވަނަ ލެބެވެ. އެންމެ ފުރަތަމަ މިފަދަ ލެބެއް ގާއިމު ކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި 2015 ވަނަ އަހަރުގައެވެ. މި ލެބްތަކުގައި ބޭނުންކުރާ އެންމެ މުހިންމު އާލާތް ކަމުގައިވާ “ޑޮކިއުމަންޓް ވެރިފަޔާ” އަކީ އިންޓަރނޭޝަލް އޮގަނައިޒޭޝަން ފޯރ މައިގްރޭޝަނުން ހަދިޔާ ކޮށްފައިވާ ތަކެއްޗެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުއްރާސް

    24 ގަޑިއިރު ހަމައިގަ ނުހުންނަވާ ހަމަ އެކަނި މޭޔަރު

  2. ޙގިެ

    ފެބްރުއަރީ 8 ވަނަ ދުވަސް މަތިން ހަނދާންވަނީ.
    ދެން ރޯކުރިޔަސް ލިޔެކިއުން ނުގެއްލޭނެ.
    ރަނގަޅު ޝަރީއަތެއް ހިންގައިފުއްޔާ ޖަލުގައި ހުންނަންޖެހޭ މީހުން ކުރާ ކަންކަން ބަލައުގަބްނާނީވެސް ކޮހުން