ބޮޑު އީދު ދުވަސް ކަމަށްވާ އަންނަ އާދީއްތަ ދުވަހު ހަވީރު މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ އަންނަ އާދިއްތަ ދުވަހަކީ އަޟްހާ އީދު ދުވަހަށް ވާތީ އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެ އާއި ވިލިމާލޭގެ ހަވީރު 16:30 އިން ފެށިގެން 18:30 އަށް ވެހިކަލް ދުއްވުން މަނާ ވާނެ ކަމަށެވެ.

ވެހިކަލް ދުއްވުން މަނާ ކުރީ މާލެއަކީ ގިނަ އަދަދެއްގެ ރައްޔިތުން އުޅޭ، ތޮއްޖެހިފައި އޮންނަ ތަނަކަށް ވާތީ، މީހުން ހިނގާބިނގާވެ އުޅުމަށް ވަގުތުކޮޅެއް ބޭނުންވާ ކަމަށް ގިނަ ރައްޔިތުން އެދެމުން އަންނާތީ ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އެ ވަގުތުތަކުގައި ވެހިކަލްތައް ދުއްވުމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށާއި އެ ގާނޫނާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިއުލާނުގައި ވެ އެވެ.

ވެހިކަލް ދުއްވުން މަނާ ވަގުތުގައި ވެސް ސަލާމަތީ ބާރުތަކުން ބޭނުން ކުރާ އިންޖީނުލީ ވެހިކަލްތަކާއި އެމްބިއުލާންސާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކޮށްފައިވާ ސައިކަލާއި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ހިދުމަތާއި އެ ދުވަހު އެ ގަޑީގައި ދުއްވުމުގެ ހުއްދަ ދެވޭ ވެހިކަލްތަައް ދުއްވުމުގެ ހުއްދަ އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަކުރުފައުޒީ

    މީ ދެން މިހާރު އާޢްމުކަމަކަށް ހެދިއްޔޭ ދޯ؟ މި ސަރުކާރުން ކުރާނެ ކަމެއް ނެތިގެންތަ މިއުޅެނީ؟ ވޯޓު ދެވުނު މޮޔަހީވޭ މިހާރު!