ބްރަދާސް މޮޓޯ ކޮމްޕެނީގެ އޮފީސް ފަޅާލައި ތިން ލައްކައަށްވުރެ ގިނަ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ، ބްރަދާސް މޮޓޯ ކޮމްޕެނީގެ އޮފީސް ފަޅާލައިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އެތަން ފަޅާލައި ގިނަ އަދަދެއްގެ ޑޮލަރާއި ދިވެހި ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބޭގޮތުގައި، ވައްކަންކޮށްފައި ވަނީ އެ އޮފީހުގެ ދެވަނަ ފިންގިފިލާއިންނެވެ. ވައްކަން ކޮށްފައި ވަނީ އެތަނުގެ އެކައުންޓްސް ޑިޕާޓްމެންޓުންނެވެ. އަދި އެތަނުން ހަތަރު ލައްކައެއްހާ ރުފިޔާ ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮލަރުވެސް ހިމެނެއެވެ.

މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.