ތިން ރަށެއްގައި މަޝްރޫއުތަކެއް ހިންގުމަށް ފައިސާގެ އެހީދިނުމަށް އެރަށްތަކުގެކައުންސިލާއެކު މިއަދު ހޯމް މިނިސްޓްރީން ސޮއިކޮށްފިއެވެ.

ފައިސާގެ އެހީދިނުމަށް މިއަދު ސޮއިކޮށްފައިވަނީ ޅ.އޮޅުވެލިފުށި ކައުންސިލާއި، އއ.ފެރިދޫ ކައުންސިލާއި، ފ.މަގޫދޫ ކައުންސިލާއެކުގައެވެ.

އޮޅުވެލިފުށި ކައުންސިލާއެކު ސޮއިކޮށްފައިވަނީ ޤަބުރުސްތާން ވަށާފާރު ރޭނުމަށް ފައިސާގެ އެހީދިނުމަށެވެ. އެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 235،643.75 ރުފުޔާއެވެ. އޮޅުވެލިފުށި ކައުންސިލުން މިމަޝްރޫއަށް 77،209.75 ރުފުޔާ ޚަރަދުކުރާނެއެވެ.

އއ.ފެރިދޫ ކައުންސިލާއެކު ސޮއިކުރީ އެރަށުގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް ފައިސާގެ އެހީދުނުމަށެވެ. އެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،000.00 ރުފިޔާއެވެ. ފެރިދޫ ކައުންސިލުން 400،000.00 ރުފިޔާ ޚަރަދުކުރާނެއެވެ.

ފ.މަގޫދޫ ކައުންސިލާއެކު ސޮއިކުރީ އެރަށު މަގުބައްތި މަރާމާތުކުރުމަށް ފައިސާގެ އެހީދިނުމަށެވެ. މިމަޝްރޫއަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،000.00 ރުފިޔާއެވެ. މަގޫދޫ ކައުންސިލުން 382،000.00 ރުފިޔާ ޚަރަދުކުރާނެއެވެ.

މިމަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ. ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެންނެވެ.