ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި ފުރުސަތުގައި ހައިކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލީ، ހައިކޯޓުގެ ފަނޑިޔާރުންނަކީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ.

މި ހަތަރު ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވަނީ އެކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ދެ ޖާގަ އިތުރުކޮށްފައިވާތީއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލު ކުރުމަށް މި ފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މިބޭފުޅުންގެ އިތުރުން ރައީސް ސޯލިހު ވަނީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިލަރްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެންބަރު އައިޝާ ސުޖޫންގެ ނަން ޖޭއެސްސީގެ ލަފާ ހޯދުމަށް ފޮނުއްވާފައެވެ. އަދި ޖޭއެސްސީއިން އެ ދެ ނަން ބަލައިގެންފައިވާއިރު ބައެއް ދީނީ އިލްމްވެރިން ދަނީ އެކަމާ ދެކޮޅު ވާހަކަދައްކަވަމުންނެވެ،

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ބަހުސްގައި ވެސް ގިނަ މެންބަރުން ވަނީ ސުޕްރީމް ކޯޓު އެއްކޮށް ބަދަލު ކުރުމަށް ގޮވާލައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.