ގައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އެކުލަވާލާ އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

"ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓާ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް" ގެ ނަމުގައި ގާއިމު ކުރާ މިއެއްބަސްވުން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

މިއެއްބަސްވުމުގެ މަގުސަދަކީ، ދެކުނު އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުގެ މެދުގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ސަބަބުން އެ ގައުމުތަކަށް ލިބޭ އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ގެއްލުންތައް އިތުރުވަމުންދާތީ އެފަދަ ގެއްލުންތަކުން ރައްޔިތުންގެ ފުރާނައާއި އެހެނިހެން ހައްގުތަކާއި ގައުމީ ބޮޑެތި މަސްލަހަތުތައް ހިމާޔަތްކުރުމުގެ މުހިންމުކަން ދެނެގަތުމެވެ.

މި އެއްބަސްވުމަކީ އދ. ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް އިން އިސް ނަގައިގެން ގާއިމް ކުރަން ހުށަހަޅާފައިވާ އެއްބަސްވުމެކެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް، މިއެއްބަސްވުމަށް ރުހުން ދިނުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ރާވައިގެން ނުރައްކާތެރި ކުށްތައް ހިންގާ ފަރާތްތައް ދެނެގަނެވުމަކީ ރާއްޖެއަށް ލިބޭނެ ބޮޑު ފައިދާއެއް ކަމަށެވެ.

"ހާއްސަ ގޮތެއްގައި ޑްރަގުގެ ވިޔަފާރި ހިންގާ މީހުން، މި ކަންތައްތައް ކުރަމުން މި އަންނަނީ މި ރީޖަންގެ އެކި ގައުމުތަކުގައި ތިބޭ އެކި ފަރާތްތަކާ ގުޅިގެން،" ހަސަން އަފީފް ފާހަގަކުރެއްވިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ފުޅާވަމުން އަންނަ ނުރައްކާތެރި ކުށުގެ ވެށި ކޮންޓްރޯލްކޮށް، ކުށްތަކަށް އަރައިގަންނަ މީހުން ގާނޫނުގެ ކުރި މައްޗަށް ގެނެސް، އިންސާފު ގާއިމުކޮށް، ދިވެހިންނަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރާނީ ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް އަދި ސްރީލަންކާގެ ސަރުކާރުންނެވެ.