ފަސް ވަނަ "ވޯލްޑް ޓޫރިޒަމް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށް ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މެލޭޝިޔާއަށް ވަޑައިގަންނަވައިފިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ޖަމިއްޔާ ޔޫ.އެން.ޑަބްލިއު.ޓީ.އޯ އިން ދެއްވި ދައުވަތަކަށް އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އަލީ ވަހީދު މެލޭޝިއާއަށް ފުރާވަޑައިގެންނެވިއިރު، މި ކޮންފަރެންސްގައި އަލި ވަހީދު ތަގުރީރުކުރައްވާނެއެވެ.

"ބިޔޯންޑް ޓުއަރިޒަމް – ބިޔޯންޑް އެކްސްޕެކްޓޭޝަންސް" ގެ ނަމުގައި ކުރިއަށްދާ މި ކޮންފަރެންސް ރަސްމީކޮށް ފަށްޓަވައިދެއްވާނީ މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތިރު މުޙައްމަދެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ، މި ކޮންފަރެންސްގެ ފުރަތަމަ ސެޝަންގައި "ފިއުޗަރ އޮފް ޓޫރިޒަމް ނިއު ސޯސަސް އޮފް ގްރޯތް" މި މައުޟޫއަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖޭގެ ފަތުރުވެރިކުގެ ކުރިމަގު އައު މިސްރާބަކަށް ގެންދިއުމަށްޓަކައި ކުރައްވާ ތަސައްވުރާއި މިކަން ހާސިލްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ތަޤުރީރުކުރައްވާނެ ކަމަށެވެ.

މިނިސްޓަރ އަލީ ވަހީދުގެ ދަތުރުފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މެލޭޝިޔާގެ ފަތުރުވެރިކަމާބެހޭ ވަޒީރު މުޙައްމައްދީން ކެޓާޕީއާއެކު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. އަދި މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވާސިޓީގެ ދަޢުވަތަކަށް، އެޔުނިވާސިޓީގެ ރައީސްއާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި މިނިސްޓްރީއާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށްޓަކައި ލީމްކޮކްވިންގ ޔުނިވާސިޓީއިން ފުރުޞަތު ފަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.