ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ވެފައިވާ އެއްބަސްވުން އުވާލަން ނިންމައިވާ ކަމަށް މީޑިޔާތަކުން ފަތުރަމުންދާ ހަބަރު ހެލްތް މިނިސްޓްރީން ދޮގުކޮށްފިއެވެ.

މިއަދު "ވަގުތު" އަށް މައުލޫމާތުދެމުން ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ވެފައިވާ އެއްބަސްވުން އުވާލަން ނިންމާފައި ނުވާ ކަމަށާއި މިހާރުވެސް ހޮސްޕިޓަލުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އެއްބަސްވުން އުވާލަނީ ކަމަށްބުނެ މީޑިޔާއިން ފަތުރަމުންދިޔަ ނަމަވެސް އެކަމާބެހޭ އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އުތުރުގެ ހުރިހާ އަތޮޅުތަކުގެ ރައްޔިތުން ބޭސްފަރުވާއަށް ކުޅުދުއްފުށީ ހޮސްފިޓަލަށްދާއިރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. އަދި އެއަށްފަހު އެ ހޮސްޕިޓަލަށް ގިނަ ބަދަލުތަކެއް ގެނެވި ކުރިން ނުދޭ ގިނަ ހިދުމަތްތަކެއް ލިބެމުންދާކަން ފާހަގަވެއެވެ.